Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޕޮލިސް ސްޓޭޝަންތައް ގާއިމު ކުރުމުން ކުށް މަދުކުރެވޭނެ

ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުންގެ މަރުކަޒުތައް ގާއިމު ކުރެވި، ފުލުހުންގެ ދައުރު ރަށްރަށުގައި ފުޅާވާން ފެށުމުން ކުށް މަދު ކުރެވޭނެ ކަމަށާއި މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ވެސް އެއީ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެކެވެ.

އެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ހދ. ހަނިމާދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށްޓެވުމަށް ފަހު ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް އިހްސާން މިއަދު ވިދާޅުވީ ފުލުހުންގެ 91 އަހަރުވީ ތާރީޚުގައި މިހާތަނަށް ހިންގޭ އުމްރާނީ އެންމެ ބޮޑު މަޝްރޫޢަކީ ފުލުހުންގެ ޚިދުމަތް ލިބެން ނެތް ރަށްރަށުގައި އެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ކަމަށެވެ.

"މި މަސައްކަތުގައި އަޅުގަނޑުމެންގެ ދެ ތިން އަމާޒެއް އެބަވޭ. ފުރަތަމަ އަމާޒަކީ މި ވަގުތު ފުލުހުންގެ ޚިދުމަތް ޤާއިމްވެފަ ނެތް ހުރިހާ ރަށެއްގައި މި އަހަރު ނިމުމުގެ ކުރިން ފުލުހުންގެ ޚިދުމަތް ޤާއިމް ކުރުން،" އޭނަ ވިދާޅުވި އެވެ. "މާނަ އަކީ ރައީސް ޑރ. މުއިްޒު ހުވާކުރެއްވި އިރު ގާތްގަނޑަކަށް 86 ރަށެއްގައި ފުލުހުންގެ ޚދުމަތް ޤާއިމްވެފައެއް ނެތޭ. އަމާޒަކީ މި އަހަރުގެ ނޮވެމްބަރު އަންނަން ވާއިރަށް ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްވުން."

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ އަމާޒަކީ މިހާރު ގާއިމު ކުރަމުން އަންނަ ފުލުހުންގެ މަރުކަޒުތައް ރައީސްގެ މި ދައުރުގެ ތެރޭގައި ނިންމުން ކަމަށެވެ.

އޭނަ ވިދާޅުވީ ފުލުހުންގެ ޚިދުމަތް ދެމުންގެން ދިޔަ 100 އަށް ވުރެ ގިނަ ރަށްރަށުގައި ޚިދުމަތް ދެމުން އައީ އާންމު ޚިދުމަތެއް ދެވޭނެ ފަދަ ގޮތަކަށް ނޫން ކަމަށެވެ.

"ޚާއްސަކޮށް ފުލުހުންގެ ޚިދުމަތެއް ފޯރުކޮށް ދެވޭ ވަރުގެ އިންފްރާސްޓްރަކްޗަރެއްގައެއް ނޫން. އެެހެންވެ ދެވޭ ޚިދުމަތުގެ ފެންވަރު ވެސް އެހާ ރަނގަޅެއް ނުވޭ،" އިހްސާން ވިދާޅުވި އެވެ. "ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ދެއްވަމުން ގެންދަވާ އިރުޝާދަކީ ރާއްޖޭގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް އެންމެ އެދެވޭ ގޮތަށް، ވީހާ ވެސް ގާތުން ޚިދުމަތް ފޯރުކޮށް ދިނުން."

މިނިސްޓަރު ވިދާޅުވީ މި މަސައްކަތާ އެކު ކްރައިމް ޕްރިވެންޝަންގެ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ފުޅާ ކުރާނެކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށެވެ.