Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ހދ. އަތޮޅު ޓޫރިޒަމަށް ފައްކާ ކުރާނަން: ރައީސް

ހދ. އަތޮޅަކީ ޓޫރިޒަމަށް ފައްކާ އަތޮޅަކަށް ވާނެ ގޮތަށް އިސްކަންދީގެން އެ އަތޮޅުގެ ތަރައްގީގެ ކަންކަން ކުރިަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހާރު އެ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ނާވައިދު ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ މި ސަރުކާރުން ވަނީ ހދ. އަތޮޅުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމާފައި ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން މިހާރު ވެސް ބައެއް އިންވެސްޓަރުން އަންނަނީ މައުލޫމާތު ސާފުކޮށް، ބިޑް ހުށަހެޅުމުގެ ކަންކަން ކުރަން ތައްޔާރުވަމުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާނީ މި އަތޮޅުގަ މިހާތަނަށް މި އޮތް،" ރައީސް ވިދާޅުވި އެވެ. "ޓޫރިޒަމް ނެތި މިދާ ލޭބަލް ކަނޑުވާލަދީ، ޓޫރިޒަމް ފައްކާ ކަމާއެކު ހިނގާ އަތޮޅަކަށް ހެދުމަށް."

އެ މަނިކުފާނު ވިދާޅުވީ އެހެން އެއްވެސް ސަރުކާރަކަށް މިހާތަނަށް ހދ. އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރެވިފައި ނެތް ކަމަށެވެ. އެކަމަކު މި ސަރުކާރުން އެ އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރަން މުހިންމު ފިޔަވަޅުތަކެއް އަޅައިފައި ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޓީޑީސީއާ ހަވާލުކުރި ނަމަވެސް ހުއްޓިފައި އޮތް ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ވަރަށް ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެ މަސައްކަތަށް އެހީވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިސާ ހަމަޖައްސައި ދީފައިވާ ކަމަށް ވެސް ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ މި އަތޮޅުގައި މިހާތަނަށް މިއޮތް ޓޫރިޒަމް ނެތި މިދާ ލޭބަލް ކަޑުވައިލަދީ ޓޫރިޒަމް ފައްކާކަމާ އެކީގައި ހިނގާ އަތޮޅަށް ހެދުން." ރައީސް ވިދާޅުވި އެވެ.