Last Updated: July 9, 11:33
Thursday, July 9, 2026
ޚަބަރު

ނެއްލައިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ފަށައިފި

ހދ. ނެއްލައިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަރުކަޒުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނެއްލައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ނެއްލައިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

ނެއްލައިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 11.19 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ނެއްލައިދޫގައި ގާއިމުކުރަނީ 3 ފަންގިފިލާގެ އިމާރާތެކެވެ. މިއިމާރާތުގައި 10 އެނދުގެ ވޯޑަކާއި، ނާސް ސްޓޭޝަނަކާއި، ލެބޯޓްރީއާއި، ޕަބްލިކް ހެލްތު ޔުނިޓަކާއި، މަލްޓިޕާޕޮސް ހޯލަކާއި، އޮފީސްބައިގެ އިތުރުން ގަރާޖް އަދި ލޯންޑްރީ ބައެއް ހިމެނެއެވެ.