Last Updated: July 9, 11:33
Thursday, July 9, 2026
ޚަބަރު

އޭޓީއެމް ބެހެއްޓުމަކީ އާދައިގެ ކަމެއް ނޫން: ރައީސް

އޭޓީއެމް ބެހެއްޓުމަކީ އާދައިގެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެކަމަށް ފާޑު ކިޔަމުން އަންނަ މީހުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.

ރައީސް މުއިއްޒު މިވަގުތު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ވަނީ އޭޓީއެމްތައް ބެހެއްޓުމަކީ ރަށްރަށުގެ ރައްޔިތުންނަށް ކިހާ މުހިއްމު ކަމެއްކަން ނޭނގޭނަމަ އެކަހަލަ ކަންކަން އާދައިގެ ކަމަކަށް ބައެއް ފަރާތްތަކުން ހެދުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އޭޓީއެމް ބަހައްޓާތީ ބައެއް ފަރާތްތަކުން އެކަން އާދައިގެ ކަމަކަށް އެބަ ހަދާ. އެއީ އާދައިގެ ކަމެއް ނޫން. ފަހަރެއްގަ މިފަދަ ރަށްރަށުގެ ރައްޔިތުންނަށް މިފަދަ ކަންކަމުގެ މުހިންމުކަން އެނގިވަޑައިނުގަންނަވާނަމަ އެކަހަލަ ކަންކަން އާދައިގެ ކަމަކަށް ބައެއް ފަރާތްތަކުން ހަދާފާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ޚިދުމަތް ދިނުން ކަމަށާއި އެއީ ބޭންކިން ޚިދުމަތް ކަމުގައި ވިޔަސް، ހަމަހަމަކަމާއެކީ ކޮންމެ ރައްޔިތަކަށް ލިބެންވާނެ ކަމަށެވެ.

"އެހެން ނޫނީ މިވާގޮތަކީ އޭޓީއެމް ނުހުންނަ ރަށްރަށުގެ ރައްޔިތުން ކައިރި ކޮންމެވެސް ރަށަކަށް އަތުން ހަރަދުކޮށްފަ ފައިސާ ޖަމާކުރަން ނޫނީ ނަގަން ދާން މިޖެހެނީ. މިހާރު މިކަންކަން މިގޮތަށް ހަމަޖެހިގެންދިޔައީމަ ވަރަށް ފަސޭހަ އެބަވޭ. އަދި އޭގެ އިތުރަށް އެރަށުގައި މަސައްކަތް ކުރިޔަށް ގެންދާ ފަރާތްތަކަށް އެކަމުގައިވެސް ބެންކު މުއާމަލާތްކުރާ ފަރާތްތަކަށް ފަސޭހަވޭ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުތަކުގައި ގެންދަވަނީ ބީއެމްއެލްގެ އޭޓީއެމްތައް ހުޅުއްވައިދެއްވަމުންނެވެ.