މި ހުށަހަޅާލަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ނަޞްރު ދިނުމުގެ ގޮތުން ތިބާއަށް ކުރެވިދާނެ 10 ކަމެކެވެ. ތިބާގެ ކުޅަދާނަކަން ހުރި މިންވަރަކުން މިކަންތައްތައް ކުރުމަށް ނަސޭހަތްތެރި ވަމެވެ. އަދި ވީ މިންވަރަކުން މިފަދަ އިތުރު ކަންތައް ކުރުމަށްވެސް ނަސޭހަތްރެތިވެ ވަޞިއްޔަތްކުރަމެވެ.
① ގޭގެ އަހުލުވެރިންނާއި، ގާތްތިމާގެ މީހުންނާއި، އަވަށްޓެރިންނާއި މުޢާމަލާތް ކުރުމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ތަބާވުން.
② ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލޯބި ދަރިންގެ ހިތްތަކުގައި ބިންވަޅުނަގައިގެން އެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުން.
③ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ލޯބި ކުރުމާއި އެކަލޭގެފާނު މާތް ކުރުމާއި، އަމިއްލަ ނަފްސާއި އަނބިދަރިންނަށް ވުރެ ބޮޑަށް އެކަލޭގެފާނަށް ކުރާ ލޯބި އިތުރުވުން.
④ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުން. ޚާއްޞަކޮށް އެކަލޭގެފާނުގެ ނަންފުޅު އިވޭ ކޮންމެ ފަހަރަކު [صلى الله عليه وسلم] މިފަދަ ކޮންމެވެސް ޢިބާރާތަކުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން. އަދި ބަންގީގެ ފަހުގައާއި، ހުކުރުދުވަހާއި ހުކުރުވިލޭރޭ ޞަލަވާތް ކިޔެވުން ގިނަކުރުން.
⑤ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސިޔަރަތު ކިޔުމާއި އެކަލޭގެފާނުގެ ހިދާޔަތަށް ފުރިހަމައަށް ތަބާވެ، އަހުރެމެންގެ ޙަޔާތުގައި ނަމޫނާއަކަށް ބަލައިގެން ކުރިއަށް ދިޔުން.
⑥ ޢިލްމުވެރިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސިޔަރަތާއި ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުއްވުންތަކާއި ފޮތްތައް ޗާޕުކޮށްގެން ބެހުމާއި، އެފަދަ ދީނީ ތަޤުރީރުތައް ބެހުން.
⑦ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތުގެ ތެރެއިން ކޮންމެވެސް މިންވަރެއް ތިމާގެ ހަށިގަނޑާއި އުޅުމާއި ގުޅުމުގައި ތަންފީޒު ކުރުން.
⑧ އިސްލާމް ދީނަށާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށާއި މުސްލިމުންނަށް ގޯނާކުރާ ކޮންމެ ޤައުމެއް (ވެވުނު ގޮތަކުން) ބޯއިކޮޓް ކުރުން.
⑨ ދީނީ ޢިލްމުވެރިންނަށް ލޯބިކުރުން؛ އެއީ އެބައިމީހުންނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ވާރުތަވެރިންނެވެ. ނަބިއްޔުންނާއި ރަސޫލުންގެ މުދާ ވާރުތަ ނުކުރެވޭ ކަމަށާއި އަދި އެބޭކަލުންގެ އަރިހުން ވާރުތަ ކުރެވެނީ އެބޭކަލުން ގެންނެވި ޝަރުޢީ ޢިލްމުކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެ އެވެ.
⑩ މީސްތަކުންގެ މެދުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތް ފެތުރޭ ތަން ފެނިއްޖެ ނަމަ އެކަމަށް އުފާކުރުން.
މަސްދަރު: އިލްމު.އެމްވީ