Last Updated: June 9, 10:14
Tuesday, June 9, 2026
މުނިފޫހިފިލުވުން

ފާތިމާ އާއި ވިޖޭގެ 'ގުސްތާގް އިޝްގް' ނޮވެމްބަރުގައި

ފާތިމާ ސަނާ ޝެއިހާއި ވިޖޭ ވަރުމާ އަލަށް އެކީގައި ކުޅުނު ފިލްމު "ގުސްތާގް އިޝްގް" ގެ ޓީޒާ ޓްރެއިލާ ދައްކާލައި، ފިލްމު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ގެނެސްދޭނެކަން މިއަދު އިއުލާންކޮށްފި އެވެ.

ނަމަވެސް އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލާނެ ސީދާ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

"ގުސްތާގް އިޝްގް" އަކީ ބޮލީވުޑްގެ އެތައް ފިލްމެއްގެ ކޮސްޓިއުމް ތައްޔާރުކޮށް ދީފައިވާ އިންޑިއާގެ ނުފޫޒު ގަދަ ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ ޕްރޮޑިއުސްކޮށްދޭ ގެނެސްދޭ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އަޔޫޝްމަން ކްރާނާގެ 2015 ގެ "ހަވާއީޒާދާ" ގެނެސްދިން ވިބޫ ޕޫރީ އެވެ.

ލޯބީގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ހާއްސަކޮށްގެން ގެނެސްދޭ "ގުސްތާގް އިޝްގް" ގެ މިއުޒިކް ތައްޔާރުކުރީ "އޯމްކާރާ" އާއި "ކަމީނޭ" އަދި "ހައިދަރު" ފަދަ ކާމިޔާބު ފިލްމުތަކުގެ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖެވެ. އަދި ފިލްމުގެ ލަވަތަކުގެ ޅެން ހެދީ މަޝްހޫރު ޅެންވެރިޔާ ގުލްޒާރެވެ.

މަނީޝްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، ސްޓޭޖް5 ޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމުގެ ގޮތުގައި ފާތިމާ އާއި ވިޖޭގެ "ގުސްތާގް އިޝްގް" ގެނެސްދޭ އިރު، މި ދެ ތަރިން ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަތަކެއް ވެސް މި ފަހުން އަންނަނީ ދެކެވެމުންނެވެ. ވިޖޭ އެންމެ ފަހުން ރައްޓެހިވެގެން އުޅުނީ މަޝްހޫރު ބަތަލާ ތަމަންނާ ބާޓިއާއާ އެވެ.

"ގުސްތާގް އިޝްގް" ގެ ވަރަށް ހާއްސަަ ރޯލަކުން ތަޖުރިބާކާރު އެކްޓަރު ނަސީރުއްދިން ޝާހް ވެސް ފެންނާނެ އެވެ.