މީގެ ހަތަރު އަހަރު ކުރިން ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގެ ތެރެއިން، އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔަށް ހަމަލާދީ މަރާލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތު ވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އުދައްޔުގެ މަރާ ގުޅިގެން ދެން ދައުވާ އުފުލި އެ ރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ހުކުމުގައި ވަނީ މާރާމާރީ ހިންގި ވަގުތު ޝަރަފަށް އެތަނުގައި ހުރެވުނު ސަބަބަކީ، އޭނާ އިން ސައިކަލުގައި އުދައްޔުގެ ބޭބެ ފައިން ޖަހާ ވައްޓާލުމުން ކަމަށާއި
އުދައްޔުއާ މާރާމާރީ ހިންގަމުން ދިޔައިރު، އޭނާ ހިނގާފައި ގޮސް އެ ސަރަހައްދުގައި ހުރި ގެއަކަށް ވަންކަން ހެކިތަކުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން އޭނާއަށް އެތަނުގައި ހުރެވުނީ، އެހެން މީހަކު ކުރި އަމަލެއްގެ ނަތީޖާއަކުން ކަމާއި މާރާމާރީ ހިންގުމުގައި ބައިވެރިވެފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލައިގައި ދައުވާތައް ސާބިތުކުރުމުން ދެން އޮންނާނީ ވާރިސުންގެ ހެކިބަސް ނެގުމާއި އަދަބާ ގުޅިގެން ވާހަކަ ދެއްކުމާއި ޙުކުމް ކުރުމެވެ.