Last Updated: July 9, 11:33
Thursday, July 9, 2026
ޚަބަރު

ހދ. ގައި ހަދާ ފުރަތަމަ ރިސޯޓު އަންނަ އަހަރު ހުޅުވަނީ

ހދ. އަތޮޅުގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓު ކަމަށްވާ "ނާގޯށި" ތަރައްގީ ކުރުމުގެ މަސައްކަތް އިފްތިތާހުކޮށް، އަންނަ އަހަރު ހުޅުވުމަށް އަމާޒު ހިފައިފި އެވެ.

މިމަޝްރޫޢު އިފްތިތާޙުކޮށްދެއްވީ ރައީސް ޑރ.މުހައްމަދު މުޢިއްޒު ހދ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ޗެއާމަން އަބްދުﷲ ފާއިޒު އެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު ވިދާޅުވީ މިމަޝްރޫޢުގެ ކުރިއަށް ގެންދަން ރާވާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި އެގޮތުން މަޝްރޫޢޫގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 183 ކޮޓަރިއެއްގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ޑިސެމްބަރު މަހަށް ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި ބީޗް ވިލާސް، ޖަކޫޒީ ބީޗް ވިލާސް، އަދި ވޯޓާ ވިލާސް ހިމެނޭހެން ހަތަރު ކެޓަގަރީއެއްގެ ކޮޓަރިތައް ފުރަތަމަ ފިޔަވަހީގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހދ. ނައިވާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް މިއަދު ވިދާޅުވީ އެއީ ވަރަށް ދުވަސްވެފައިވާ އަދި ޢަމަލީ މަސައްކަތް ފެށިފައިނުވާ މަސައްކަތެއް ކަމަށާއި ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން މަގުފަހިކޮށްދެއްވައިގެން، އެމްޓީޑީސީގެ ފަރާތުން މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

އަދި ހދ އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކަމުގެ ނަތީޖާފެންނާގެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. އެގޮތުން އަމާޒަކީ ހދ އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ޓޫރިޒަމް ތަރައްޤީވެފައިވާ އަތޮޅަކަށް ހެއްދެވުން ކަމަށް ރައީސް ވިދާޅުވި އެވެ.