އިސްރާއީލުން ފަލަސްތީނުގައި ހުއްޓުމެއްނެތި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވަން ބައިނަލްއަޤްވާމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާތީ ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖެއިން މިކަމާއި ކަންބޮޑުވުން ފާޅުކުރާކަން ހާމަކޮށްފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި ޚާރިޖީ ވަޒީރުންގެ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ދެއްވި ތަޤުރީރުގަ އެވެ.
މި ބައްދަލުވުގެ މައިގަނޑު މަޤްސަދަކީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް ފަލަސްތީނުގެ ޣައްޒާއަށް ކާބޯތަކެތި ވެއްދުން މަނާކޮށް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި އަދި އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދިއުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް އަޑުއުފުލުމެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ހަލީލު ދެއްވި ތަޤްރީރުގައި، ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި އިސްރާއީލުން ޣައްޒާގެ އާންމުން ބަނޑަށްޖެއްސުމުގެ ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވި އެވެ.
އަދި މުޅި ޣައްޒާގެ ހިންގުން އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ނިންމުމަކީ ޣައްޒާގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް މަޖުބޫރުކުރުމަށް އަޅައިފައިވާ ފިޔަވަޅެއްކަމަށާއި އަދި މިފަދަ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ހިލާފު ކަމެއްކަމުގައި ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ހަލީލު ވަނީ އިސްރާއީލުން ފަލަސްތީނުގައި ހުއްޓުމެއްނެތި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވައި އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތް ކުރެވިފައިވާ ނުވާކަން ފާހަގަކޮށް އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވި އެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްޤު ހޯދައިދިނުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވައި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި ދުނިޔޭގެ ގައުމުތަކުން ބަލައިގަތުމަށްޓަކައި ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާނެކަމުގައި ވިދާޅުވި އެވެ. އަދި ފަލަސްތީނު މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ މެދުއިރުމަތީގައި ސުލްހައާއި އިންސާފު ގާއިމްކުރުމަށް ޒަރޫރީ ކަމެއްކަމަށާއި އަދި މި މަޤްސަދު ހާސިލްކުރުމަށް އޯ.އައި.ސީ.ގެ ހުރިހާ ގައުމުތަކުން އެކުގައި މަސައްކަތްކުރުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ.