މީޑިއާ ކޮންޓްރޯލް ކުރަން ބޭނުންފުޅުނުވާ ކަމަށާއި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލު އިސްލާހުކުރަން ޕީއެންސީގެ މެމްބަރުންނަށް އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
ރައީސް ހދ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިރޭ ނޮޅިވަރަންފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މީޑީއާތައް ކޮންޓްރޯލް ކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށާއި އެއީ އެއްވެސް އިރެއްގައި ކުރާނެ ކަމެއްވެސް ނޫން ކަމަށެވެ. ނަމަވެސް ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތް ކުރަންޖެހޭނީ ޒިންމާދާރުކަމާއެކު ކަމަށް ރައީސް ވިދާޅުވި އެވެ.
މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގެ ދަށުން އުފެދޭ ކޮމިޝަނަށް ރައީސަކު އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބަޔާންކޮށްފައިވާއިރު، ރައީސް ވިދާޅުވީ އެއީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށާއި ބިލު އިސްލާހުކުރާއިރު، އެ ކޮމިޝަނަށް ރައީސަކު އައްޔަންކުރާނީ ކޮމިޝަނުގެ މެމްބަރުން ވޯޓުލައިގެން އިންތިހާބުކުރާ މީހެއް ކަމަށް ކަނޑައަޅަން ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް އަންގާފައިވާނެ ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑުމެންނަކީ މީޑިއާ އަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާކަށް،" ރައީސް ވިދާޅުވި އެވެ.
މީޑިއާތައް ވާންޖެހޭނީ މިނިވަންކަމާއެކު ހިންގާ ބަޔަކަށް ކަމަށާއި މީޑިއާ ރެގިއުލޭޓް ކުރުމުގައި އަދި އެހެން ކަމެއްގައި ވެސް އެމަނިކުފާނުގެ ކޮންޓްރޯލް އޮންނަން ބޭނުން ނުވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވަނީ ބިލު ގާނޫނަކަށްވެ، ތަސްދީގު ކުރަން ފެށުމާ އެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ. އެގޮތުން އުވެނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.
އަދި މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށާއި އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުން ކަމަށް ބުނެފައިވެ އެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު ނައިބު ރައީސް ހޮވާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ބިލުގައިވާ ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
މީގެއިތުރުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރާއި ނޫހަކުން ނުވަތަ މަޖައްލާއަކުން ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ އެކަމެއް އިސްލާހުކުރަންދެން ނުވަތަ މައްސަލަ ބަލާ ނިމެންދެން އެ ނޫހެއްގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލުކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.