ހުރިހާ ޝައުގެއް ވެސް ހުރީ ނަތީޖާ ނެރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ހދ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ރޭ ނޮޅިވަރަންފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މިއަހަރުތެރޭ ވަރަށް ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި އަދި ބާކީ ހުރި ކަންކަން އަންނަ އަހަރު ފެށިގެންދާނެ ގޮތަށް ބަޖެޓް ތަރުތީބު ކުރައްވާނެ ކަމަށެވެ. މި ދެ އަހަރަކީ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތްތައް ފެށި އަދި ނިންމާ ދެ އަހަރަށް ވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހުރިހާ ވެސް ޝައުގުވެރިކަމެއް ހުންނަނީ ނަތީޖާ ނެރެން. މި ސަރުކާރުން ހުރިހާ ކަމެއްވެސް މިކުރަނީ އަޅުގަނޑު ވީ ވައުދުތައް ފުއްދަން އަދި އިތުރަށް ރައްޔިތުން ބޭނުންވެފައި ހުރި ކަންކަން ބަލައިގެން، ވައުދުތަކުގެ އިތުރަށް ވެސް ކަންކަން ކޮށްދެވޭތޯ ބަލަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ނަތީޖާ ނެރެދިނުމުގައި ސަރުކާރުން ރެޔާއި ދުވާލު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ސަރުކާރު ކުރިއަށްދާނީ ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރަމުން ކަމަށްވެސް ވިދާޅުވި އެވެ.
އަތޮޅުތަކަށް ރައީސް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ގިނަ މަޝްރޫއުތަކެއްގައި އަންނަނީ ސޮއިކުރަމުންނެވެ.