Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ކުރިއަށް އޮތީ ޔޫއްޕެގެ 'އިލްޒާމު'

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި، ޔޫސުޗް ޝަފީއު (ޔޫއްޕެ) "އިލްޒާމު" ގެ ނަމުގައި ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އޭނަ ލިޔެ، ޑައިރެކްޓްކޮށް އަދި ބަތަލުގެ ރޯލު ވެސް ކުޅެފައިވާ ފިލްމުގެ ފަސްޓްލުކް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ، ޔޫއްޕެއާ އެކު "އިލްޒާމު" ގެ މޯޝަން ޕޯސްޓަރުން ކުޑަ އަންހެން ކުއްޖަކު ވެސް ފެނެ އެވެ.

މި ފިލްމަކީ ޔޫއްޕެ ޕްރޮޑަކްޝަނާއި މުހައްމަދު އަބްދުﷲ (މުހައްމާކަލޯ) ގެ ދެކެދެކެ ވެސް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ.

އދ. ދަނގެތީގައި ޝޫޓްކޮށްފައިވާ "އިލްޒާމު" އިން ބޮޑު ކާސްޓެއް ފެންނާނެ އެވެ. އޭގެ ތެރޭގައި އަހުމަދު ނިމާލު، މުހައްމަދު ރަޝީދު (ދަރާ)، މިރާ އިސްމާއީލް، މަރިޔަމް ޝިފާ، އަހުމަދު ސައީދު، އިބްރާހިމް ޖިހާދު (ޖިމީ)، މުހައްމަދު ފައިސަލް، ޖުމައްޔިލް ނިމާލު، މަރިޔަމް ޝަކީލާ އަދި ޝަހީދާ އިސްމާއިލް ހިމެނެ އެވެ.

"އިލްޒާމު" އަޅުވާނީ އޮކްޓޯބަރު 20 ގަ އެވެ.

ޔޫއްޕެ ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ އޭނަ ރޯލެއް ވެސް ކުޅުނު މިދިޔަ އަހަރުގެ އޮގަސްޓްގައި ރިލީޒްކުރި ބިރުވެރި ފިލްމު "ސާޔާ" އެވެ. މި އަހަރުގެ މިހާތަނަށް އޭނަގެ ދެ ފިލްމެއް ސިނަމާ އަށް އައިސްފައިވެ އެވެ. އެއީ ޑައިރެކްޓަރު މޫމިން ފުއާދުގެ "އަބަދަށް" އާއި ޑައިރެކްޓަރު ފާތުމަތު ނަހުލާގެ "ސޮރީ" އެވެ.

ޔޫއްޕެގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކޭޖީއެމް ކޮސް ގިނަ (މިސްޓޭކް) ވެސް ހިމެނެ އެވެ.