Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މަކުނުދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި

ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ ފަށައިފިއެވެ.

އެތަނުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު މަކުނުދޫގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނެވެ. އަރިހުގައި ޕޮލިސް ކޮމިޝަނަރު އިސްމާޢިލް ނަވީން އާއި މަޝްރޫއުގެ ކޮންޓްރެކްޓަރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް އާއި މަކުނުދޫ ކައުންސިލް ރައީސް އައުޒަމް އާދަމްގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އާދަމް ޝަފީގް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރޭ ހދ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަންގެ ބިންގާ ވެސް އަޅާފައިވެ އެވެ. އެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އާރްޑީސީ އެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަކީ ރައީސްގެ މުހިއްމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.