Last Updated: June 9, 10:14
Tuesday, June 9, 2026
މުނިފޫހިފިލުވުން

ތަމަންނާ އާއި ޑަޔާނާ "ޑޫ ޔޫ ވޮނަ ޕާޓްނާ؟" ގައި

"ޑޫ ޔޫ ވޮނަ ޕާޓްނާ؟" ގެ ނަމުގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް އިންޑިއާގެ ސީރީޒެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަންނަ މަހުގެ 12 ގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ މި ސީރީޒަކީ އަންހެން ކެރެކްޓާތަކެއްގެ މައްޗަށް ބިނާކޮށް، ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކުން އެންޓަޓައިންމަންޓުން ހަދާފައިވާ ކޮމެޑީ-ޑްރާމާއެކެވެ.

"ޑޫ ޔޫ ވޮނަ ޕާޓްނާ؟" ގެ ލީޑް ތަރިންނަކީ ތަމަންނާ ބާޓިއާ އާއި ޑަޔާނާ ޕެންޓީ އެވެ. ދެ ތަރިންނާ އެކު، މީގެ ޕޯސްޓަރު ވެސް މިހާރު އާންމުކޮށްފައިވާ އިރު،، ޓްރެއިލާ އަށް ގިނަ ބަޔަކު މިހާރު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

މީގެ ކާސްޓްގައި ޖާވިދު ޖެފްރީ އާއި ޓީވީ ތަރިން ކަމަށްވާ ނަކުލް މެހެތާ އާއި ޝްވޭތާ ތިވާރީ އާއި ނީރަޖް ކަބީ އާއި ސޫފީ މޯޓީވާލާގެ އިތުރުން ރަންވިޖޭ ސިންގާ ހިމެނެ އެވެ.

"ޑޫ ޔޫ ވޮނަ ޕާޓްނާ؟" ޑައިރެކްޓްކޮށްފައި ވަނީ ދަރުމާ އިން މިދިޔަ އަހަރު ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭއާ އެކު ގެނެސްދިން މަގުބޫލު ސީރީޒް "ކޯލް މީ ބޭ" ވެސް ޑައިރެކްޓްކުރި ކޮލިން ޑި ކަންހާ އެވެ.