Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މަކުނުދޫ ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފި

ހދ. މަކުނުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފި އެވެ.

އެތަނުގެ ސެންޓަރުގެ ބިންގާ އެޅީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

މަކުނުދޫ ފިޓްނަސް ސެންޓަރުގެ ކޮންޓްރެކްޓަރަކީ މިފަދަ ބައެއް ޕްރޮޖެކްޓްތައް މިހާރު ފުލުންފުލުހުން ހަވާލު ކުރަމުން އަންނަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. އެ ކުންފުންޏަކީ ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުންޏެވެ.

މަކުނުދޫ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައި ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު އާއި އެމްއޭސީއެލްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުގެ އިތުރުން މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމާއި އެދާއިރާގެ މެމްބަރު އާދަމް ޝަފީގެވެ.

މަކުނުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމަށް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީން އެމްއޭސީއެލްއާ ދެމެދު މި މަހުގެ 18 ގައި ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ސެންޓަރެކެވެ.

އެމްއޭސީއެލްއާ މިއަދު ވަނީ ހދ. ނޮޅިވަރަމްގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުމަށް ވެސް ސޮއިކޮށްފަ އެވެ.

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.