Last Updated: June 9, 10:14
Tuesday, June 9, 2026
މުނިފޫހިފިލުވުން

ކަނބުލޮ' އަންނަ މަހު އައްޑު އަށް

އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ރޭ އޮލިމްޕަހުގައި އަޅުވަން ނިންމާފައިވާ ފިލްމު "ކަނބުލޮ" އަންނަ މަހުގެ ކުރީކޮޅު އައްޑޫގައި އަޅުވަން ނިންމައިފި އެވެ.

އެ ފިލްމުގެ ޝޯތަކެއް އައްޑޫގައި ދައްކާނީ މި މަހުގެ 5 އާއި 6 ގަ އެވެ.

"ކަނބުލޮ" ޕްރީމިއާ ކުރަން ތައްޔާރުވަމުން އަންނަ އިރު، މި ފިލްމު މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 90 އަށް ވުރެ ގިނަ ރަށްރަށުގައި އަޅުވަން ހަމަޖެހި، ތާރީހުތައް އިއުލާންކޮށްފައިވެ އެވެ.

އޮލިމްޕަހަށް މި އަހަރު އަންނަ ހަތަރު ވަނަ ފިލްމު "ކަނބުލޮ" އަކީ އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ޑައިރެކްޓަރު ހުސައިން މުނައްވަރު (ކިޑް) ގެ ކިޑް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ މި ފިލްމެކެވެ.

އާއިލާގެ ތެރެއިން ޖިންސީ ގޯނާގެ ޝިކާރަކައަށްވާ އަންހެނެއްގެ ވާހަކަ ކިޔައިދޭނެ "ކަނބުލޮ" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިިޔަމް އައްޒަ އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުހައްމަދާއި އަހުމަދު އީސަ (އާނަންދު) އާއި ޝީލާ ނަޖީބާއި އަހުމަދު ނިމާލުގެ އިތުރުން މަރިޔަމް ޝަކީލާ އެވެ.

"ކަނބުލޮ" ހަދާފައި ވަނީ 2009 ގެ ދިގު ވާހަކަ މުބާރާތުން ޔަޝްފާ އަބްދުލްޢަނީ އެއް ވަނަ ހޯދި ވާހަކަ "ޔުކްތާ" އަށް ބިނާކޮށެވެ. މީގެ ސްކްރީންްޕްލޭ ލިޔުނީ "ކަމަނާ" ގެ ވެސް ސްކްރީން ރައިޓަރު މަހުދީ އަހުމަދެވެ.