Last Updated: June 9, 10:14
Tuesday, June 9, 2026
މުނިފޫހިފިލުވުން

'ސައްޔާރާ' ގެ ބަތަލާ އަށް އާ ފިލްމެއް

ދާދި ފަހުން ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދައި، އަދިވެސް ބޮކްސް އޮފީހުގައި ފައިސާ އެއްކުރަމުން އަންނަ ފިލްމު "ސައްޔާރާ" ގެ ބަތަލާ އަނީތު ޕައްޑާ އާ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން މިއަދު ބުނީ ކުރިމަގު ވަރަށް އުޖާލާކޮށް ފެންނަ ހުނަރުވެރި ބަތަލާގެ އާ ފިލްމަކީ ވެސް "ސައްޔާރާ" ގެނެސްދިން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެއް ކަމަށެވެ.

އެ ސްޓޫޑިއޯ އިން މީގެ ކުރިން ވެސް އާ ބައެެއް ތަރިންނާ އެކު ތިން ފިލްމުގެ އެއްބަސްވުންތައް ހަދައި، ފިލްމުތަކެއް ގެނެސްދީފައިވެ އެވެ. ނަމަވެސް ވައިއާރްއެފާ އެކު އަނީތު އާއި "ސައްޔާރާ" އިން ތައާރަފުކުރި އެކްޓަރު އަހާން ޕާންޑޭ އެފަދަ އެއްބަސްވުމެއް ހަދާފައި އޮތްކަން މިހާތަނަށް އަދި ކަށަވަރެއް ނުވެ އެވެ.

ނަމަވެސް މީޑިއާތަކުން ބުނީ އަނީތުގެ ހުނަރު އިތުރަށް ދައްކައިލަން އެ ސްޓޫޑިއޯ އިން ބޭނުންވާ ކަމަށާއި އާ ފިލްމަކީ ރޮމޭންޓިކް ޑްރާމާއެެއް ކަމަށެވެ. މީގެ ޑައިރެކްޓަރަކީ މަނީޝް ޝަރުމާ އެވެ. އޭނަ އަކީ ރަންވީރު ސިންގް ތައާރަފުކުރި ވައިއާރްއެފްގެ 2010 ގެ "ބޭންޑް ބާޖާ ބާރާތު" ގެ އިތުރުން ޝާހްރުކް ޚާންގެ 2016 ގެ "ފޭން" ގެނެސްދިން ޑައިރެކްޓަރެވެ.

މަނީޝް އެންމެ ފަހުން ޑައިރެކްޓްކުރީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްގައި ހިމެނޭ ސަލްމާން ޚާންގެ "ޓައިގާ" ގެ ފްރެންޗައިޒްގެ ތިން ވަނަ ފިލްމު، 2023 ގެ "ޓައިގާ 3" އެވެ.

މީޑިއާތަކުން ބުނީ އަނީތުއާ އެކު މަނީޝް ހަދަން ނިންމާފައިވާ ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮތީ ޕަންޖާބަށް ކަމަށާއި ފިލްމުގެ ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. އެކަމަކު މީގައި އަނީތުއާ އެކު ބަތަލުގެ ރޯލު ކުޅޭނެ އެކްޓަރަކާ ބެހޭ އެއްވެސް ވާހަަކައެއް އަދި ނުދެކެވެ އެވެ.

"ސައްޔާރާ" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އަނީތު ދާދި ފަހުން އިންސްޓަގްރާމް ޕޯސްޓެއްގައި ބެލުންތެރިން އޭނަ އަށް ދިން ލޯތްބާއި އޮއްސައިލި ތައުރީފަށްޓަކައި ޝުކުރު އަދާކޮށްފައިވެ އެވެ. އަދި ކުރިއަށް ހުރި މަސައްކަތްތަކުން ބެލުންތެރިން ބަލައިގަންނާނެ ގޮތަކާ މެދު ހިތްބިރު ގަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމަކު އަބަދު ވެސް މަސައްކަތް ކުރާނީ ބެލުންތެރިން ގަޔާވާ ކަހަލަ މަސައްކަތްތަކެއް ގެނެސްދޭން ކަމަށް ބުންޏެވެ.

އުމުރުން 22 އަހަރުގެ އަނީތުގެ ފުރަތަމަ ފިލްމަކީ ސަޕޯޓިން ރޯލެއް ކުޅުނު ކާޖޮލްގެ 2022 ގެ "ސަލާމް ވެންކީ" އެވެ. އަދި މިދިޔަ އަހަރު "ބިގް ގާލްސް ޑޯންޓް ކްރައި" ކިޔާ ވެބް ސީރީޒަކުން ވެސް އޭނަ ފެނިފައިވެ އެވެ.