ހދ. ވައިކަރަދޫގައި 50 ހައުސިން ޔުނިޓްގެ މަޝްރޫއެއް އަންނަ އަހަރު ހިންގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ހދ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ވައިކަރަދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ވައިކަރަދޫގައި 50 ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި އަންނަ އަހަރުވެސް އާ މަޝްރޫއުތައް ބައެއް ރަށްރަށުގައި ހިމަނަން ނިންމާފައި މިވަނީ. އެގޮތުން މި ރަށުގައި 50 ހައުސިން ޔުނިޓް ގާއިމް ކުރުމަށް އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ހިމަނައި، މި އަންނަ އަހަރު އެ މަޝްރޫއު ކުރިއަށް ގެންދާނަން" ރައީސް ވިދާޅުވި އެވެ.
ވައިކަރަދޫގެ ތަރައްޤީއަށް މިހާރު ފެށިފައިވާ މަޝްރޫޢުތަކުގެ ތެރެއިން ބަނދަރުގެ މަޝްރޫޢު ކުރިޔަށް ގެންދަވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރުގައި ހުރި ހުރިހާ މައްސަލައެއް ޙައްލުވާނޭ ގޮތަށް ކަމަށާއި، ރަށުގައި މޫދަށް އެރޭނެ ތަނަކާއި، ފަތާ ޓްރެކެއް ވަކިން ޤާއިމް ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ސްކޭޓް ޕާކުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައި ކަމަށާއި، މި މަސް ނިމުމުގެ ކުރިން ސްކޭޓްޕާކުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެރަށުގެ ދަނޑުވެރިންނަށް މުދާ އުފުލުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ދިމާވަމުންދާކަމަށް ފާހަގަކުރައްވައި ރައީސް ވަނީ މާގިނަ ދުވަސްތަކެއް ނުވެ އެ ރަށަށް ޚާއްޞަ މުދާ ފެރީއެއް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އަދި އޭގެ އިތުރުން އިންޖީނުގޭގެ މައްސަލައަކީ ވަރަށް ކްރިޓިކަލް މައްސަލައެއް ކަމަށާއި މި އަހަރު ތެރޭ މި މައްސަލަ އެއްކޮށް ހައްލު ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.