Last Updated: July 9, 10:00
Thursday, July 9, 2026
ދުނިޔެ

ކަފާލާތުގެ ދަށުން ރަނިލް ދޫކޮށްލައިފި

ހިޔާނާތުގެ މައްސަލައެއްގައި މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމްސިންހާ، ކަފާލާތުގެ ދަށުން މިއަދު ދޫކޮށްލައިފި އެވެ.

ކޮލޮމްބޯގެ ފޯޓް މެޖިސްޓްރޭޓް ކޯޓުން ކަފާލާތުގެ ދަށުން ރަނިލް ދޫކޮށްލީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކުރުމަށްފަހު އެވެ.

ރަނިލް ،76، އަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކުގެ ސަބަބުން އޭނާ އަށް އަންނަނީ ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މިއަދުގެ އަޑުއެހުމުގައި ރަނިލް ބައިވެރިވީ ޒޫމް މެދުވެރިކޮށެވެ.

ރަނިލް އަށް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލައިގެ އަޑުއެހުމެއް އަންނަ އޮކްޓޫބަރު 29 އަށް ވަނީ ތާވަލުކޮށްފަ އެވެ.

ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ރަނިލްއާ ގުޅޭގޮތުން ބަލަމުން އަންނަނީ ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު، އޭނާގެ އަނބިކަނބަލުން ޕްރޮފެސަރު މައިތުރީ ވިކްރަމަސިންހަގެ ގްރެޖުއޭޝަން ރަސްމިއްޔާތަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުގެ ފައިސާއިން ހަރަދަކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

މި ދަތުރުފުޅަކީ ރަސްމީ ހައިސިއްޔަތުން ކުރެއްވި ދަތުރުފުޅެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ވަސީލަތްތަކުން ހަރަދުކޮށްގެން ކުރި ދަތުރެއް ކަމަށްވެސް މި މައްސަލަ ތަހުގީގު ކުރާ ފަރާތްތަކާއި ހަވާލާދީ ލަންކާގެ މީިޑިއާތަކުން ބުނެ އެވެ.

ސީއައިޑީގެ ތަހުގީގުގައިވާ ގޮތުން، ރަނިލްގެ އެ ދަތުރުފުޅުގައި އިތުރު 10 މީހަކު ބައިވެރިކުރި އެވެ. އަދި އެ ދަތުރުފުޅަށް ސަރުކާރުގެ ބަޖެޓުން ޖުމުލަ 16.9 މިލިއަން ރުޕީސް ވަނީ ހަރަދުކޮށްފަ އެވެ.