Last Updated: July 9, 10:00
Thursday, July 9, 2026
ޚަބަރު

ގޭންގު ކުށްތައް ހުއްޓުވަން ފުލުހުން މަސައްކަތް ފަށައިފި

ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވަން ހާއްސަ މަަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމުުގެ ގޮތުން ހައިކޯޓު މެދުވެރިކޮށް އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތައް ކަނޑައެޅުމާއި، އެފަދަ ގްރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކުގެ މައްޗަށް މޮނިޓާކޮށް، ކޮންޓްރޯލް ކުރުމުގެ އަމުރު ނެރުމާއި އަދި އެފަދަ ގްރޫޕުތަކުން ކުރާ އަނިޔާވެރި އަމަލުތަކުން ކުޑަކުދިން ރައްކާތެރި ކުރުމަށް، އެ ކުދިންގެ މައްޗަށް ރައްކާތެރި ކުރުމުގެ އަމުރު ނެރުމަށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްޓަކައި ތައްޔާރުވަމުންދާ ކަމަށެވެ.

އަދި ރާއްޖޭގައި ޖަމާއަތް ހަދައިގެން ކުށްކުރާ ހުރިހާ ގްރޫޕުތަކުގެ ރިޕޯޓުތައް ތައްޔާރުކޮށް ޕްރޮސިކިއުޓާ ޖެެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ހަމަ އެއާއެކު އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުގެ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް، އެ ފަރާތްތަކުން ނުހައްގުން ހޯދާފައިވާ މުދާ، ދައުލަތަށް ނެގުމުގެ މަސައްކަތާއި، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕުތަކަށް ކުޑަކުދިންނާއި ޒުވާނުން ރެކްޓްރޫޓްކުރާ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މީގެ އިތުރުން އިންތިޒާމު ވެފައިވާ ކުށްކުރާ ގްރޫޕުތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކޮށް އެ ސަރަހައްދުތަކުގައި ތިބޭ ފަރާތްތައް ބަލައި ފާސްކުރުމުގެ މަސައްކަތާއި، އިންތިޒާމުވެގެން ހިންގާ ކުށްކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރަމުންދާތީ އެފަދަ ތަންތަނަށް ރެއިޑްކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.