Last Updated: June 6, 09:42
Saturday, June 6, 2026
ރިޕޯޓް

ޑޮމެއިންތައް މިހާރު ރައްކާތެރި ކުރެވޭތަ؟

ރާއްޖޭގައި ރަޖިސްޓަރީކުރާ ޑޮމެއިންތަކުގެ ރައްކާތެރިކަން މިހާރު ވަނީ އޮންލައިން ނިޒާމަކުން ކަށަވަރުކުރެވިފަ އެވެ. ޑޮމެއިންތައް ރައްކާތެރިކޮށް، މިލްކުވެރިކަން ފުރިހަމަ އަށް ކޮންޓްރޯލް ކުރެވޭނެ އާ އުސޫލުތަކަކާއި ހަރުދަނާ ފިޔަވަޅުތަކެއް ވަނީ ތަޢާރަފުކޮށްފަ އެވެ.

މިކަމުގެ ސަބަބުން ޑޮމެއިންގެ މިލްކުވެރިންނަށް އިތުރު ޔަގީން ކަމެއް ލިބިގެން ގޮސްފައިވެ އެވެ.

ޑޮމެއިންތައް ރައްކާތެރިކުރުމަށްޓަކައި އެޅިފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ތިރީގައި މިވާ ކަންކަން ހިމެނެ އެވެ.

ތެދުކަން ކަށަވަރުކުރުން:

ޑޮމެއިންގެ މިލްކުވެރިޔާގެ ކާކުކަން ކަށަވަރުކުރެވެނީ ސައްހަ ލިޔެކިޔުންތަކާ އެކުގަ އެވެ. މިހާރު ދޫކުރާ ޑޮމެއިން ސެޓްފިކެޓްތަކުގައި، އޮޅުވާލުމަށް ހުރަސް އެޅުމަށްޓަކައި ޚާއްސަ ސެކިއުރިޓީ ފީޗާޒްތަކެއް ވަނީ ހިމެނިފައެވެ. މީގެ ތެރޭގައި ވޯޓަރމާކާއި، ކިޔުއާރް ކޯޑް ހިމެނެ އެވެ.

ހުއްދަ ނެގުން:

ޑޮމެއިނެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ، އެ ޑޮމެއިންގެ މިހާރުގެ މިލްކުވެރިޔާގެ ސާފު ހުއްދައާއި އެއްބަސްވުމުގެ ދަށުންނެވެ. މިގޮތުން، މިލްކުވެރިޔާގެ ހުއްދަ ނެތި އެއްވެސް ފަރާތަކަށް ޑޮމެއިނެއް ބަދަލުކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

ޗެކްތައް ހެދުން:

ޑޮމެއިންތަކާއި ގުޅޭ ކޮންމެ އެދުމެއް ފުރިހަމައަށް ކަށަވަރު ކުރުމަށްޓަކައި ވީޑިއޯ ކޯލް، ފޮޓޯ ރެކޯޑް، އަދި އިތުރު މަރުހަލާތައް ހިމެނޭ ގޮތަށް ގިނަ ޗެކްތަކެއް ހަދަ އެވެ. މިއީ އޮޅުވާލުމަށް ހުރަސް އެޅުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅުތަކެކެވެ.

ސެޓްފިކެޓް އަދި ހުއްދަ ދޫކުރުން:

ޑޮމެއިންގެ މިލްކުވެރިކަން ފުރިހަމައަށް ރައްކާތެރިކުރުމަށްޓަކައި، ސެޓްފިކެޓްތަކާއި ހުއްދަތައް ދޫކުރެވެނީ މަތީގައި ބަޔާންކުރެވުނު ތެދުކަން ކަށަވަރުކުރުމުގެ ހުރިހާ މަރުހަލާތައް ފުރިހަމަވުމަށް ފަހުގައެވެ.

ޑޮމެއިންގެ ޚިދުމަތްތައް އަލުން ފަށާފައި ވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހުގަ އެވެ. މިހާރު ޚިދުމަތްތައް ފޯރުކޮށް ދެމުން އަންނަނީ ކުރިއަށް ވުރެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަކާއި ރަނގަޅު ކުރެވިފައިވާ އުސޫލުތަކަކާ އެކު އެވެ. މިއީ މިލްކުވެރިންނަށް އެ މީހުންގެ ޑޮމެއިންތައް ރައްކާތެރިކޮށް، މުޅިން ކޮންޓްރޯލްގެ ދަށުގައި ހުންނާނެކަމުގެ ބޮޑު ޔަގީންކަމެއް ލިބިގެން ދާނެ ކަމެެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

މައުލޫމާތު: ޓްރާންސްޕޯޓް މިނިސްޓްރީ