ތަފާސްހިސާބުތައް ދައްކާ ގޮތުން ނަމަ ކޮންމެ ދެ ސިކުންތަކު ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް މީހަކަށް ސްޓްރޯކެއް ޖެހެއެ ވެ. އަދި ސިއްޙީ ދާއިރާގެ ތަޖުރިބާކާރު ފަރާތްތައް ވިދާޅުވާ ގޮތުން ނަމަ ކޮންމެ ހަމީހަކުން އެކަކީ ޙަޔާތުގެ ކޮންމެ ވެސް ހިސާބެއްގައި ސްޓްރޯކެއް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް ހުރި މީހެކެވެ.
ސްޓްރޯކް ޖެހޭ ގުނަވަނަކީ ސިކުނޑި އެވެ. އަހަރެމެންގެ ހަށިގަނޑުގެ ބަރުދަނުގައި ސިކުނޑި ހިއްސާ ކުރަނީ އެންމެ ދެ އިންސައްތަ ކަމަށް ވިޔަސް އިންސާނާ ލާ ނޭވާ އިން ހަށިގަނޑުގެ ތެރެއަށްދާ އޮކްސިޖަންގެ ވިހި އިންސައްތަ ބޭނުން ކުރަނީ މި ނާޒުކު ގުނަވަނެވެ.
ސިކުނޑީގެ މަސައްކަތަށް ބޭނުންވާ އޮކްސިޖަން ސަޕްލައި ސިކުނޑިއާ ހަމައަށް ފޯރުކޮށް ދެނީ ދެ ވައްތަރެއްގެ ލޭ ނާރުތަކަކުންނެވެ. “ކެރޯޓީޑް އާޓްރީސްތަކުން" ސިކުނޑީގެ ކުރިއަށް އޮކްސިޖަން ސަޕްލައި ކޮށްދޭޢިރު “ވާޓިބްރަލް އާޓްރީސްތަކުން” ސިކުނޑީގެ ފަހަތަށް އޮކްސިޖަން ސަޕްލައިކޮށްދެ އެވެ.
މިއާޓްރީސްތައް ކުދި ކުދި ލޭނާރުތަކަށް ގޮފިގޮފިވެގެންގޮސް މުޅި ސިކުނޑީގެ ހުރިހާ ހިސާބަކަށް ފެތުރިފައިވެ އެވެ. ބޭނުމަކީ ސިކުނޑީގެ ހުރިހާ ހިސާބަކަށްވެސް ދިރިހުރުމަށް ބޭނުންވާ އެންމެ މުހިންމު އެއްމާއްދާ ކަމަށްވާ އޮކްސިޖަން، ލޭގެ ޒަރީޢާ އިން ފޯރުކޮށް ދިނުމެވެ.
މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމާއި އިންސާނާ ޚަލްޤު ކުރައްވާފައިވާ ފުރިހަމަކަން ހާމަވެގެންދާ ވަރަށް ފުރިހަމަ ހެއްކެކެވެ. އިންސާނާ ޚަލްޤުކުރަށްވައި ދަތިއުނދަގޫ ޙާލަތްތަކުން ﷲ އެއިންސާނާ އިމްތިޙާން ކުރަށްވަނީ، މިދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެއްކަމަށްވާތީއެވެ. އެގޮތުން ބަލި ޖައްސަވައިގެންވެސް ބައެއްމީހުން އިމްތިޙާންކުރެވެއެވެ. އަހަރެމެންގެ އިޢުތިޤާދަކަށްވާން ޖެހޭނީ ﷲގެ އިރާދަފުޅާނުލާ އެއްވެސް ބައްޔެއް އުނދަގުލެއް އަހަރެމެންނަށް ނުޖެހޭނެކަމެވެ.
އެކަން ޤަބޫލުކޮށް، އިމްތިޙާންތަކާ ކެރިގެން ކުރިމަތިލާ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދޭތޯ މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކޮންމެއަކަސް މި ދެންނެވިހެން ސިކުނޑީގެ އެކި ހިސާބުތަކަށް ލޭފޯރުކޮށްދޭ ލޭނާރުތަށް އޭގެ މަސައްކަތުގައި އަވަދި ނެތި އުޅޭ އިރު، އޭގެއިން ނާރެއް ކޮންމެވެސް ގޮތަކުން ބެދުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ލޭނާރު ބެދެން ދިމާވާ އެންމެ ޢާންމު އެއް ސަބަބަކީ، ލޭގެ ތެރޭގައި ދައުރުވަމުންދާ ގަނޑު ލޭކޮޅެއް ސިކުނޑީގެ ލޭނާރެއްގެ ތެރޭގައި ތާށިވުމެވެ.
އެ ގަނޑުލޭކޮޅަށް ދައުރު ނުވެވޭހާ ހިމަ ލޭނާރަކާ ހަމައަށް އާދެވިއްޖެ ނަމަ، ކުރިއަށް ނުދެވި އެ ނާރުގެތެރޭގައި ތާށިވެ އެވެ. މިއަށް ކިޔަނީ “އެމްބޮލިޒަމް” އެވެ. ނަތީޖާއެއްގެ ގޮތުން ބެދިފައިވާ ނާރުން ލޭދައުރެއް ނުކުރާނެ އެވެ. އަދި އެނާރު އޮކްސިޖަން ފޯރުކޮށްދޭ ހިސާބުގައިވާ ސިކުނޑީގެ ސެލްތަކަށް އޮކްސިޖަން ނުލިބި މަރުވާ ގޮތް ވެ އެވެ.
ހަމުގައިވާ ފަދަ ތަދު އިޙުސާސްކުރާ ކަހަލަ ރިސެޕްޓާސް ތަކެއް ސިކުނޑީގައި ނުވެ އެވެ. ވީމާ، ސެލްތަކެއް މަރުވިޔަސް ބޮލަށް ތަދެއް ނާރަފާނެ އެވެ. ނަމަވެސް ސެލްތައް މަރުވާން ފެށުމާއެކު އޭގެ ޢަލާމާތްތަށް ބަލިމީހާގެ ކިބައިން ފެންނަން ފަށާނެ އެވެ. މިސާލަކަށް ބަލާ ނަމަ، ބެދުނު ލޭނާރަކީ ސިކުނޑީގެ ވާހަކަ ދެއްކުމާ ބެހޭ ބައި ކޮންޓްރޯލްކުރާ ހިސާބަށް ލޭ ފޯރުކޮށްދޭ ނާރެއް ކަމުގައިވާ ނަމަ، ބަލިމީހާ އަށް ވާހަކަ ދެއްކުމުގައި އުނދަގޫ އިހުސާސްވެ، ކިޔޭނުކިޔޭ ނޭނގޭ ހިސާބަށް ގޮސްފާނެ އެވެ.
ބެދުނު ލޭނާރަކީ ހަށިގަނޑުގެ ވާތްފަރާތުގެ މަސްތަކުގެ ޙަރަކާތާ ބެހޭ ބައި ކޮންޓްރޯލްކުރާ ހިސާބަށް ލޭ ފޯރުކޮށްދޭ ނާރެއް ކަމުގައިވާ ނަމަ، ބަލިމީހާގެ ހަށިގަނޑުގެ ވާތްފަރާތުން މަޑުމަޑުން ވާގި ނިތެމުން ގޮސް އެއްކޮށް ވެސް ވާގި ނެތިދާނެ އެވެ.
ވީމާ ސްޓްރޯކެއް ޖެހިއްޖެ ޙާލަތެއްގައި އެންމެ މުހިންމު ކަމަކީ ފަރުވާ ވީހާ ވެސް އަވަސްކުރުމެވެ. ސިކުނޑީގެ ސެލްތައް މަރުވުމުގެ ކުރިން ފަރުވާ ނުކުރެވިއްޖެ ނަމަ، ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރި ވެދާނެ އެވެ. ނަމަވެސް ސްޓްރޯކަކީ ބުނެފަ ޖެހޭ އެއްޗެއް ނޫނެވެ. ވަރަށް ހީވާގިކަންމަތީ، އެއްވެސް ބަލިކަމެއް ނެތި މަސައްކަތުގެ މާޙައުލުގައި ވަނިކޮށް ވެސް ސްޓްރޯކެއް ޖެހިދާނެ އެވެ. އެހެންކަމުން ސްޓްރޯކެއް ޖެހިފައިވާކަން ދެނެގަންނާނެ ފަސޭހަ ގޮތްތަކެއް އެނގިފައި އޮތުން ވަރަށް މުހިންމެވެ.
ވީމާ މީހެއްގެ ކިބައިން ތަފާތުކަމެއް ފާހަގަވާ ނަމަ، ސްޓްރޯކެއް ޖެހިފައިވޭތޯ ބެލުމަށްޓަކައި ކޮށްލެވި ދާނެ ފަސޭހަ އަވަސް ތިން ޓެސްޓެއް ބުނެލާނަމެވެ.
ފުރަތަމަ ކަމަކަށް ހިނިތުންވެލަން އެ މީހެއްގެ ކިބައިން އެދިލާށެވެ. ހިނިތުންވާއިރު، ރީތި ހިނިތުންވުމެއް ނުގެނެވި، އެއްފަރާތަށް އަނގައިގެ ޙަރަކާތް ދާނަމަ، އެއީ ސްޓްރޯކެއް ޖެހިފައިވާކަމުގެ ޢަލާމާތެކެވެ.
ދެވަނަ ކަމަކަށް އެމީހަކު ކިބައިން ދެއަތް އުފުލާލުމަށް އެދިލާށެވެ. އެއްއަތް އުފުލަން އުނދަގޫވާ ނަމަ ނުވަތަ އުފުލާތަނުން ތިރިވާ ނަމަ އެއީވެސް ސްޓްރޯކެއް ޖެހިފައިވާ ކަމުގެ ޢަލާމާތެކެވެ.
ތިންވަނަ ކަމަކަށް އެމީ ހެއްގެ ކިބައިން ފަސޭހަ ކޮންމެވެސް ބަހެއް ތަކުރާރުކޮށް ކިއުމަށް އެދިލާށެވެ. ކިޔާއިރު އުނދަގޫކަމެއް ފާހަގަވާ ނަމަ ނުވަތަ ބަސްތައް ކިޔަން އުނދަގޫވާ ނަމަ، މިއީ ވެސް ސްޓްރޯކެއް ޖެހިފައިވާ ކަމުގެ ޢަލާމާތެކެވެ.
ﷲ، އަޅަމެން އެންމެން ވެސް ދުޅަހެޔޮ ޞިއްޙަތެއްގެ މަތީގައި ލައްވައި ނުރައްކާތެރި ބަލިތަކުން ސަލާމަތްކުރަށްވާށި. އާމީން.
ނޯޓް: މިއީ ޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދުގެ ލިޔުއްވުމެކެވެ.