މީގެ ތިން ދުވަސް ކުރިން ޝޫޓިން ފެށި ސައިފް އަލީ ޚާނާއި އަކްޝޭ ކުމާރުގެ އާ ފިލްމު "ހައިވާން" ގެ ކާސްޓާ ދެ ބަތަލާ އަކު ވެސް ގުޅިއްޖެ އެވެ.
ކުޅަދާނަ ޑައިރެކްޓަރު ޕްރިޔަދަރުޝަން ހަދާ މި ތުރިލާ އަށް ސޮއިކުރީ މާ މަޝްހޫރު ނޫން ދެ ބަތަލާއެކެވެ. އެއީ ސައްޔާމީ ކޭރް އާއި ޝްރިޔާ ޕިލްގާއޯންކަރް އެވެ.
ސައްޔާމީ އަކީ އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު، ހާޝްވަރްދަން ކަޕޫރް ތައާރަފު ކުރަން 2016 ގައި ގެނެސްދިން "މިރްޒިޔާ" އިން ތައާރަފުވި ބަތަލާއެކެވެ. ފިލްމީ އާއިލާއަކަށް ނިސްބަތްވާ ސައްޔާމީ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ އެޕްރީލްގައި ގެނެސްދިން ސަނީ ޑިއޯލްގެ "ޖާޓް" އިންނެވެ.
ޝްރިޔާ އަކީ ވެސް ފިލްމީ އާއިލާއަކަށް ނިސްބަތްވާ ފަންނާނެކެވެ. އޭނަ އަކީ އެކްޓަރު ސަޗިން ޕިލްގާއޯންކަރާއި ބަތަލާ ސުޕްރިޔާ ޕިލްގާއޯންކަރްގެ ދަރިއެކެވެ. ޝްރިޔާ އެންމެ ފަހުން ފެނިފައި ވަނީ ޔާޝްރާޖް ފިލްމްސް އިން މިދިޔަ މަހު ނެޓްފްލިކްސް އަށް ގެނެސްދިން ސީރީޒް "މަންޑާލާ މާޑާސް" އިންނެވެ.
އަށާރަ އަހަރު ފަހުން ސައިފާ އަކްޝޭ އެކީގައި ކުޅޭ "ހައިވާން" އަކީ މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލާ އެކު ޕްރިޔަދަރުޝަން 2016 ގައި ގެނެސްދިން 'އޮއްޕަމް' އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އޭގައި މޯހަންލާލް ކުޅުނު ލޯފަން ކެރެކްޓާ "ހައިވާން" ގައި ކުޅެނީ ސައިފެވެ.
މިއީ ޕްރިޔަދަރުޝަނާ އެކު އޭނަ މަސައްކަތްކުރާ ފުރަތަމަ ފިލްމު ވެސް މެ އެވެ.
"ހައިވާން" ގެ ޝޫޓިން ކޮޗީގައި ކުރިއަށްދާ އިރު، މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.