Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ބީއެމްއެލުން ކުޅުދުއްފުށީގައި ބިޒްނަސް ސެންޓަރެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުޅުދުއްފުށި ސިޓީގައި ބިޒްނަސް ސެންޓަރެއް ގާއިމުކުރުމަށް ބިންގާ އަޅައިފި އެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބީއެމްއެލް އިން ބުނީ މިއީ ކުޅުދުއްފުށި ސިޓީ އާއި އަތޮޅުތެރޭގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް ހާއްސަކުރެވޭ ބިޒްނަސް ސެންޓަރެއް ކަމަށެވެ. އަދި މިއީ ބޭންކުގެ ތިންވަނަ ބިޒްނަސް ސެންޓަރެވެ. މިވަގުތު ބޭންކުގެ ބިޒްނަސް ސެންޓަރު ގާއިމުކޮށްފައިވަނީ މާލޭ ސިޓީ އާއި އައްޑޫ ސިޓީގަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކުގެ ޚިދުމަތްތައް ފުޅާކުރަމުން ދާއިރު، ބީއެމްއެލް އިން ދަނީ ކުޅުދުއްފުށި ސީޓީ ފަދަ، ސަރަހައްދުގެ މައި މަރުކަޒުތަކަށް ވެސް އިސްކަންދެމުން ކަމަށެވެ. މިއަދު ވިޔަފާރިތަކަށް ހާއްސަ ބްރާންޗެއްގެ ބިންގާ އެޅުމަކީ މި ސަރަހައްދުގެ ވިޔަފާރި މުޖުތަމަޢަށް ބޭނުންވާ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

މިއަދު ބޭންކުން ވަނީ ހދ. ނޮޅިވަރަންފަރުގައި އައު ބްނާންޗެއް ހުޅުވައި، ވައިކަރަދޫ އަދި ނޭކުރެންދޫގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށާފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 154 ސެލްފްސާވިސް ބޭންކިން ސެންޓަރު، 213 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.