Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދެނީ

ކަށި މިޔަރުގެ މަސްވެރިކަމަށް މިއަހަރުގެ ނޮވެމްބަރު މަހު ހުއްދަ ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކުޅުދުއްފުށި ރައްޔިތުންނަކީ މީގެކުރިން ކަށި މިޔަރުގެ މަސްވެރިކަން ކުރި ބައެއް ކަމަށާއި އެކަމުން ވަރަށް ބޮޑު އާމްދަނީއެއް ވެސް ލިބެމުންދިޔަ ކަމަށެވެ. ނަމަވެސް ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކާއެކު އެކަން ހުއްޓިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ފިޝަރީޒް މިނިސްޓްރީ އެންވަރަޔަމަންޓް މިނިސްޓްރީން ގަވައިދުތަކާ އެއްޗެހި ބަލައި ވަރަށް ގިނަ މަސައްކަތް ކޮށްފިން އަދި ކުރަމުން މިދަނީ. މެނޭޖްމެންޓް ޕްލޭނެއް ޑްރާފްޓްކޮށް ނިމިއްޖެ. މި ޕްލޭންގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ތާރީހުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަމަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރަން ފުރުސަތު ލިބޭނެ ކަމަށާއި އެކަމަށް ތައްޔާރުވާން ގޮވާލާފަ އެވެ.

ރައީސް މިކަން އިއުލާން ކުރެއްވިއިރު، ރާއްޖޭގައި މިޔަރު މަސްވެރިކަމަށް ހުއްދަ ދީފި ނަމަ އޭގެ ސަބަބުން އަންދާޒާ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން މީގެކުރިން ވަނީ ބުނެފަ އެވެ.

މީގެ 13 އަހަރު ކުރިން މިޔަރު މަސްވެރިކަން ރާއްޖޭގައި މަނާކުރީ އޭގެ އާބާދީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރުބޮޑުވުމުންނެވެ.