Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ތަރައްގީ ގެނެސްދިނުމުގައި ސިޔާސީ ފިކުރަކަށް ނުބަލާނަން

ތަރަައްގީ ގެނެސްދިނުމުގައި ސިޔާސީ ފިކުރަކަށް ނުބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ އެމަނިކުފާނަށް މުހިއްމީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު މަސައްކަތް ކުރުން ކަމަށާއި މީހަކު ނިސްބަތް ވަނީ ކޮން ސިޔާސީ ފިކުރަކަށްތޯ އާއި އެމީހާ ނިސްބަތްވަނީ ކޮން ރަށަކަށްތޯ އަދި އެ ރަށުގެ އާބާދީ ބެލުން މުހިއްމު ނޫން ކަމަށެވެ.

"އަޅުގަނޑު ވީ ވައުދުތައް ފުއްދުމުގައި ތަފާތު ކުރުމެއް ނެތި، އެ ވައުދުތައް ފުއްދަން އަޅުގަނޑުމެން ބޭނުންވަނީ. އިރާދަކުރެވިއްޔާ އެހެން މިއަދާ ހަމައަށް ވެސް މިއައީ،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން މަސައްކަތް ކުރާނީ ޕްރޮފެޝަނަލްކޮށް، ޒިންމާދާރުކަމާއެކީ އަދި ތެދުވެރިކަމާއެކު ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތައް މާލެ ގެނެސް ކަންކަމަށް އާދޭސް ދެންނެވުމުގެ ސަގާފަތް ދޫކޮށް، ރައްޔިތުންނާއި ކައުންސިލްތަކާއި ގާތަށް ސަރުކާރުގެ ވެރިން ޒިޔާރަތްކޮށް، ރައްޔިތުން އެދޭ ކަންކަން ބެއްލެވުން ކަމަށް ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ބައެއް ފަރާތްތަކުން ސަރުކާރަށް އަމާޒުކުރާ ފާޑުކިޔުމަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ މޭޔަރު ކަމުގައި ހުންނެވި އިރު، އޭރުގެ ސަރުކާރުން ސިޓީ ކައުންސިލަށް ކުރިމަތިކުރެއްވި ފިއްތުންތަކެއް ކުރިމަތިކުރި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ކައުންސިލްތަކަށް އެފަދަ ފިއްތުންތައް ކުރިމަތިވިޔަ ނުދެއްވާނެ ކަމަށާއި ކައުންސިލްތައް ބާރުވެރިކުރަން ޤާނޫނީ ގޮތުންނާއި އެ ނޫން ގޮތްގޮތުންވެސް ފިޔަވަޅުތައް އަޅުއްވަމުން ގެންދަވަނީ އެ މަޤްޞަދުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން އަންހެނުން ކުރިއަރުވާ ކޮމިޓީތަކުގެ އިނާޔަތަށް ގެންނެވި ބަދަލާއި ކައުންސިލްތަކުގެ އާ އިމާރާތްތަކުގެ މަޝްރޫޢުތަކާއި، ކައުންސިލްތަކުން މުސްތަޤިއްލުކަމާއެކު އިޤްތިޞާދީ މަންފާ ހޯދުމަށް މަގުފަހިކުރެއްވުމަށްޓަކައި، ރަށްރަށާއި ފަޅުތައް ރަށްރަށުގެ އިޙްތިޞާސްގައި ހިމެނުއްވުމާއި ރަށްރަށުގެ ބައިތަކުގެ ގޮތުގައި ހަމަޖެއްސެވުން ފަދަ ފިޔަވަޅުތަކުން ރައީސް މިސާލު ދެއްކެވި އެވެ.

މީގެ އިތުރުން، ރައްޔިތުންގެ ޚިޔާލާއެކު ހުށަހަޅާ ތަރައްޤީގެ ޕްލޭނާއި ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ހުށަހަޅާ ކަންކަމަށް ސަރުކާރުން މަގުފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.