Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ކުޅުދުއްފުށީ ޕޯޓުން ދެން ޑިއުޓީއެއް ނުނަގާނެ

ކުޅުދުއްފުށި ޕޯޓަށް ބާލާ މުދަލުން ދެން ޑިއުޓީ ނުނަގާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

އެ ޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ފަށާފައިބާ މަސައްކަތްތަކުގެ ތެރެއިން ޕޯޓުން ފޯރުކޮށްދޭނެ އިތުރު ޚިދުމަތްތަކެއް އިފްތިތާޙު ކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުށީ ބަނދަރުގެ ޚިދުމަތް ފުޅާކުރުމުގެ ސަބަބުން ވިޔަފާރިކުރުމުގެ ކޭޝްފްލޯ އިތުރު އެހެން ކަންކަމަށް ބޭނުން ކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެ ކަމަށެވެ.

އޭނަ ވިދާޅުވީ ކުޅުދުއްފުށީގައި ކެއިންބުއިމަށް ބޭނުންކުރާ ޒަރޫރީ ހުރިހާ ސާމާންތަކުގެ އިތުރުން ޑްރައި ގުޑްސް، ފްރޯޒަން ގުޑްސް، ރެސްޓްރިކްޓެޑް ގުޑްސް، ޖެނެރަލް ކާގޯގެ އިތުރުން ބަލްކް ކާގޯ ރައްކާތެރިކަމާއެކު ސްޓޯކުރުމުގެ ވަސީލަތް ވެސް މިހާރު ޤާއިމްކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިކަން ދާނީ އިތުރަށް ތަރައްޤީ ކުރެވެމުން ކަމަށް ވިދާޅުވި އެވެ.

"ދުނިޔޭގެ އެހެން ތަންތާނގައި މިކަހަލަ ކޮންސެޕްޓްތަކަށް ކިޔާ މި އުޅެނީ ފްރީ ޒޯން ނުވަތަ ޑިއުޓީ ފްރީ ޒޯން. އޭގެ އިރާދަކުރެއްވިއްޔާ ކުޑަ ވާޝާނެއް ރާއްޖޭގައި ފެށިގެން މި ދިޔައީ،" ސައީދު ވިދާޅުވި އެވެ. "މިކަން ތަރައްޤީ ކުރަން ދެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ހަމަ ވަރަށް ބާރު ސްޕީޑްގައި އެމްޕީއެލް އިން ކުރަމުން އެބަގެންދޭ."

މިނިސްޓަރު ވިދާޅުވީ ކުރިއާ ޚިލާފަށް ރާއްޖޭގެ ހަމައެކަނި އެސެންޝަލް، ކްރިޓިކަލް ކޮންޒިއުމާ މުދަލަށް ވަކި އިންޑެކްސްއެއް ޤާއިމްކުރެވި އަގުތައް ބެލެހެއްޓޭނެ ގޮތްތައް ހަމަޖެހިގެން ހިނގައްޖެ ކަމަށެވެ.

"އަދި ތަކެތީގެ އަގު ހެޔޮކުރުމަށްޓަކައި، ދިމާވި ޗެލެންޖަސްތަކާއެކު ވެސް ވަރަށް ގިނަ، ވަރަށް ބޮޑު މަސައްކަތްތަކެއް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން އަޅުގަނޑުމެން މިދަނީ ކުރަމުން." އޭނަ ވިދާޅުވި އެވެ.