ބާރު ސްޕީޑްގައި ކާރު ދުއްވި މައްސަލައެއްގައި ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރު އަބްދުލްގާދިރު އުރެލޮގްލޫ ޖޫރިމަނާކޮށްފި އެވެ.
މިނިސްޓަރު ޖޫރިމަނާކުރީ ތުރުކީގެ ވެރިރަށް އަންކާރާއާ ކައިރީގެ ނިގްދޭ ހައިވޭގައި ލަވަ ޖަހައިގެން އޭނަ ބާރު ސްޕީޑްގައި ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ އާދޫއްތަ ދުވަހު އެކްސްގައި ޕޯސްޓް ވެސް ކުރެއްވުމާ ގުޅިގެންނެވެ. އެ ވީޑިއޯ މިނިސްޓަރު ޕޯސްޓްކުރެއްވީ '#ތުރުކިޔޭ އެކްސެލެރޭޓްސް' ޖައްސަވައިފަ އެވެ.
މިނިސްޓަރު އާންމުކުރެއްވި ވީޑިއޯ އިން ފެންނަ ގޮތުގައި އޭނަ ވަނީ ހައިވޭގައި ދުއްވަން ކަނޑައަޅާފައި އޮތް ސްޕީޑަށް ވުރެ ބާރަށް ދުއްވައިގަ އެވެ. އެގޮތުން 190-225 ކިލޯމީޓަށް ދުއްވާފައިވެ އެވެ.
ހައިވޭތަކުގައި ދުއްވަން ތުރުކީގައި ކަނޑާއަލައި އޮންނަ ސްޕީޑް ލިމިޓަކީ ގަޑިއަކު 140 ކިލޯމީޓަރެވެ.
އެހެންވެ މިނިސްޓަރު ގަވާއިދާ ހިލާފުވެވަޑައިގެންފައިވާތީ ގިނަ ބައެެއްގެ ފާޑުކިޔުންތައް އަމާޒުވެ، އޭނަ އަށް ފިޔަވަޅު އަޅަން ވެސް ގިނަ ބަޔަކު ގޮވާލި އެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ޖޫރިމަނާކުރީ 9،267 ތުރުކީ ލިރާ (225 ޑޮލަރު) އިންނެވެ.
މިނިސްޓަރު ފަހުން މައާފަށް ވެސް އެދިވަޑައިގެންފައި ސްޕީޑް ލިމިޓަށް އެންމެން ވެސް އަމަލު ކުރަން މަޖުބޫރުވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ދުއްވާ އިރު، ވަރަށް ބޮޑަށް ސަމާލުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.