Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މީޑިއާ ބިލުން ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ހޯދޭނެ

މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބޭނުމަކީ ސަރުކާރު ނުރުހޭ މީޑިއާތައް ބަންދުކޮށް ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ހޯދުން ކަމަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުން މިއަދު ކުރިއަށް ގެންދާ ޖަލްސާގައި އޭނަ ވިދާޅުވީ މީޑިއާ ބިލުގެ މައިގަނޑު އެއް ބޭނުމެއްގެ ގޮތުގައި ފެންނަނީ ސަރުކާރުގެ މުއައްސަސާތަކުން ކުރާ ވައްކަންތައް ފޮރުވައި، ނޫސްވެރިންނަށް އަދަބު ދީ، ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ތަނަވަސްކުރުން ކަމަށެވެ.

"ދައުލަތުގެ މުއައްސަސާތަކުން ވައްކަން ކުރީމަ އެކަންތައް ހޯދާ ބަލައި މީޑިއާތަކުގައި ލިޔަން ތިބި ބޭފުޅުންގެ ހަތަރެސްފައި ބަންދުކޮށް ކަސްތޮޅު އަޅައި އެބޭފުޅުން ޖަލަށްލައި، އެބޭފުޅުންނަށް އަދަބު ދީ، ސަރުކާރު ނުރުހޭ ކޮންމެ މީޑިއާއެއް މާލީ ގޮތުން ދަތިކޮށް ޖެއްސުންކޮށް ބަންދުކޮށް ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ދިނުމަށް ހުށަހަޅާފައި އޮތް ބިލެއް މިއީ އިއްޒަތްތެރި ރައީސް." އައްބާސް ވިދާޅުވި އެވެ.

މީޑިއާތައް ކޮންޓްރޯކް ކުރާ ބިލް މަޖިލީހަށް ހުށަހެޅުއްވީ ކުރިން ވެސް އެފަދަ ބިލެއް ހުށަޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު މުހައްމަދެވެ.

އެ ބިލުގައި ބުނެފައި ވަނީ ބިލު ފާސްވެ، ތަސްދީގުކޮށް ގާނޫނަކަށްވުމާ އެކު މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ. އެގޮތުން އުވެނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.

އަދި މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގައި ތިބޭނީ 7 މެންބަރުން ކަމަށާއި އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުން ކަމަށް ބުނެފައިވެ އެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު ނައިބު ރައީސް ހޮވާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ބިލުގައިވާ ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.

މީގެ އިތުރުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވެއްޖެ ނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5،000- 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރާއި ނޫހަކުން ނުވަތަ މަޖައްލާއަކުން ގާނޫނާއި ގަވާއިދާ ހިލާފުވާ ނަމަ އެކަމެއް އިސްލާހު ކުރަންދެން ނުވަތަ މައްސަލަ ބަލާ ނިމެންދެން އެ ނޫހެއްގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލުކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.