Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

ކާތިކް ޒޮމްބީ ފިލްމެއް ކުޅެނީ

ބޮލީވުޑްގެ ކާމިޔާބު ޒުވާން އެކްޓަރު ކާތިކް އާރިއަން ޒޮމްބީ ފިލްމެއްގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އަންނަ އަހަރުގެ ޖުލައި ހިސާބުގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ވިޝްނޫވަރުދާން ކަމަށެވެ. އޭނަ އަކީ، މިހާރު ދެމަފިރިން ކަމަށްވާ ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނީ ހިމަނައިގެން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2021 ގެ ކާމިޔާބު ބައޮގްރަފިކަލް ހަނގުރާމަ ފިލްމު "ޝޭރްޝާ" ގެނެސްދިން ޑައިރެކްޓަރެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ވަރަށް ތަފާތު އަދި ވަރަށް ޝައުގުވެރި ފިލްމެއްގެ ގޮތުގައި ހަދަން ނިންމާފައިވާ ކާތިކްގެ ޒޮމްބީ ފިލްމުގެ ސްކްރިޕްޓް ޕޮލިޝްކުރުމުގެ މަސައްކަތް ވިޝްނޫ އަންނަނީ ކުރަމުންނެވެ.

"ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ބޫލްބުލައްޔާ" 2 އާއި 3 ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ކާތިކްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޑައިރެކްޓަރު އަނޫރާގް ބާސޫގެ އަސަރު ގަދަ ލޯބީގެ ފިލްމަކާއި ދަރުމާގެ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އާއި އެ ސްޓޫޑިއޯގެ ކްރީޗާ ކޮމެޑީ "ނާގްޒިއްލާ" ގެ އިތުރުން ޑައިރެކްޓަރު ޝިމިތު އަމީންގެ ވަތަނީ ފިލްމު "ކެޕްޓަން އިންޑިއާ" ހިމެނެ އެވެ.

ކާތިކް ޒޮމްބީ ފިލްމަކަށް ތައްޔާރުވާ އިރު، ރިޕޯޓްތައް ބުނާ ގޮތުން އެކްޓަރު ރަންވީރު ސިންގް ވެސް އެ ޖޯންރާގެ ފިލްމަކަށް ސޮއިކޮށްފައިވެ އެވެ.

ބޮލީވުޑުން ކުރިން ގެނެސްދީފައިވާ ޒޮމްބީ ފިލްމަކީ ސައިފް އަލީ ޚާންގެ 2013 ގެ "ގޯ ގޯއާ ގޯން" އެވެ. މީގެ ދެވަނަ ބައެއް ހެދުމުގެ ވާހަކަ ވެސް އޮތީ ދެކެވިފަ އެވެ.