Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މީހުންގެ އަތުން ފޭރޭ މީހަކު އައްޑޫން ހައްޔަރުކޮށްފި

މުދާ ސަޕްލައިކޮށް ދޭނެ ކަމަށް ބުނެ ފޯނުން ގުޅައިގެން ވާހަކަ ދައްކައި، މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރޭ މީހަކު އައްޑޫން ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ އައްޑޫ ފޭދޫ، ޑޭލައިޓްވިލާ، ޝިހާން ޝިޔާމް، 29، އެވެ.

ފުލުހުން ބުނީ އެންޓި-ސްކޭމް ސެންޓަރާއި ހިތަދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނަ ހައްޔަރުކުރީ ވަނީ މި މަހުގެ 25 ގައި ހިތަދޫންނެވެ.

އަދި މި އޮޕަރޭޝަނަކީ، އެކި ދުވަސްމަތިން ފުލުހުންނަށް ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަތަކުގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުންމި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ޝިހާން، މީހަކަށް ގުޅައި މުދާ ސަޕްލައިކޮށްދޭނެ ކަމަށް ބުނެ ވާހަކަ ދައްކައި، މަކަރާއި ހީލަތުން 30،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހާގެ އަތުން ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވެ އެވެ.

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުމާއި އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން މީހުންގެ އަތިން ޝިހާން ފައިސާ ފޭރުން 12 މައްސަލައެއް މިހާރު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ 12 މައްސަލައިގައި، މަކަރާއި ހީލަތުން ހޯދާފައިވާ 380،000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އަކައުންޓުގައި ދައުރުކޮށްފައިވާ ކަމާއި މި 12 މައްސަލައިގެ ޖުމުލަ ފައިސާގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝިހާން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.