Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މީޑިއާ ބިލް އޮތް ގޮތަށް ފާސްކުރަން އަޒާން ދެކޮޅު

ހުށަހަޅާފައި އޮތް ގޮތަށް މީޑިއާތަކާ ބެހޭ ބިލު ފާސްކުރަން ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ހުދަހެޅުއްވި އެ ބިލާ ގުޅޭ ގޮތުން މަޖިލީހިހެ މިއަދުގެ ޖަލްސާގައި އަޒާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހާއި ފަނޑިޔާރުގެ ވެސް ހިންގަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ހުދޫދެއް ކަނޑައެޅިގެން ކަމަށެވެ. ހަމަ އެގޮތަށް މީޑިއާ ވެސް ހިންގަން ވާނީ ހުދޫދަކާއި އިމެއްގެ ތެރެއިން ކަމަށް ކުރިން ނޫސްވެރިއެއްގެ ގޮތުގައި އުޅުއްވި އަޒާން ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ހައްނާން ހުށަހެޅުއްވި ބިލުގެ މަގުސަދަކީ ވެސް މީޑިއާ އެ ހުދޫދުގެ ތެރެއަށް ވެއްދުން ކަމަށެވެ. ގަބޫލުކުރައްވާ

"ނަމަވެސް، މި ބިލުގައި އެބަހުރި އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ބައެއް ކަހަލަ ކަންކަން." އަޒާން ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މިފަދަ ގާނޫނެއް ހަދާ އިރު އޭރަކު އޮންނަ ސަރުކާރެއް އަބަދު ވެރިކަމުގައި އޮންނާނެ ކަމަށް ވެސް ދެކިގެން ނުވާނެ ކަމަށެވެ.

"ދެން އަނެއްކާ ވެސް މި ފަދަ ގާނޫނުތައް ބޭނުން ކުރާނީ އަޅުގަނޑުމެންނާ ދެކޮޅަށް. ނޫސްވެރިންނާ ދެކޮޅަށް. އަދި، މިނިވަން ހިޔާލާއި މިނިވަން ފިކުރުގެ ފަރާތްތަކާ ދެކޮޅަށް،" އަޒާން ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ބިލުގައި މިހާރު ހުރި ކަންބޮޑުވާ ކަންކަމާ އެކު ބިލު އޮތް ގޮތަށް ފާސްކޮށްފި ނަމަ މީޑިއާތަކަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.

"އެހެންވެ ކަހަލަ ކަންތައްތައް މިހެން ހުރުމުން، އަޅުގަނޑަކަށް ވެސް ނުފެނޭ މި ބިލު މި އޮތްގޮތަށް ފާސްކުރާކަށް." އަޒާން ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ،ބިލާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ޖެހޭ ކަމަށެް ދެކެވަޑައިގަންނަވާ ކަމަށާއި މީޑިއާގެ ބޭފުޅުންނާއި ކަމާބެހޭ ތަޖުރިބާކާރުންނާއި އަދި މަޖިލީހުގެ މެންބަރުންގެ މެދުގައި ވެސް އެކިއެކި ގޮތްގޮތަށް މަޝްވަރާ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.