ދެކުނު ކޮރެއާގެ ސްކޫލްތަކުގެ ކްލާސްރޫމްރަކުގައި ދަރިވަރުން ފޯނާއި ސްމާޓް އެހެން ޑިވައިސްތައް ބޭނުން ކުރުން މަނާކުރާ ބިލެއް ފާސްކޮށްފި އެވެ.
އެ ގާނޫނަކަށްވުމަށް ފަހު، އަމަލު ކުރަން ނިންމާފައި ވަނީ ކުރިއަށް އޮތް ދިރާސީ އާ އަހަރާ ދިމާކޮށް އަންނަ އަހަރުގެ މާޗް މަހުން ފެށިގެންނެވެ. އެގޮތުން ސްކޫލްތަކުގައި ދަރިވަރުން ކިޔަވާ ގަޑިތަކުގައި ފޯނާއި ސްމާޓް އެއްވެސް ޑިވައިސްއެއް ކްލާސްރޫމްތަކުގައި ބޭނުމެއް ނުކުރެވޭނެ އެވެ.
މިފަދަ ބިލެއް ފާސްކުރީ ދެކުނުނު ކޮރެއާގައި ކުދިންގެ ސްކްރީން އެޑިކްޝަން އިތުރުވެ، ކިޔެވުމަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާތީ އެވެ. އެހެންވެ ކިޔަވާ ގަޑިތަކުގައި ކްލާސްތަކުގައި ފޯނު ފަދަ ޑިވައިސްތައް ބޭނުން ކުރުން މަނާކުރުމުން ކްލާސްތަކުގައި ނަގައިދޭ ފިލާވަޅުތަކަށް ދެވޭ ސަމާލުކަން އިތުރުވެ، ދަރިވަރުންގެ ނަތީޖާ ވެސް ރަނގަޅު ވާނެ ކަމަށް ބިލްގައި ބުނެފި އެވެ.
ބިލް އެކުލަވާލާފައި ވަނީ ސްކްރީން އެޑިކްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ދަށުން ބެލެނިވެރިންނާއި ޓީޗަރުންނާއި އަދި އެ ނޫން ވެސް ކަމާ ގުޅުން ހުރި ދާއިރާގެ މީހުންގެ މަޝްވަރާ އާއި ލަފާގެ މަތިންނެވެ.
އެ ބިލް ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރީ އިއްޔެ އެވެ. ބިލް ފާސްވީ މަޖިލީހުގެ 163 މެންބަރުންގެ ތެރެއިން 115 މެންބަރުންގެ ވޯޓުންނެވެ.