ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ހދ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ކަމަށްވާ، ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ، މަކުނުދޫ އަދި ކުޅުދުއްފުށި ސިޓީ އަށް ޒިޔާރަތްކުރައްވާފައިވެ އެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފަ އެވެ.
އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، ތަރައްޤީގެ މަސައްކަތްތައް ފެއްޓެވުމާއި، އެއްބަސްވުންތަކުގައި ސޮއިކުރެއްވުން މި ދަތުރުފުޅުގައި ވަނީ ކުރިއަށްގެންދަވާފަ އެވެ.
މި ދަތުރުފުޅުގައި ބޭއްވި ބައްދަލުވުންތަކުގައި ރައީސް ދެއްކެވި ވާހަކަފުޅުތަކުގައި، ކައުންސިލްތައް ބާރުވެރިކުރެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުން ނަފާ ހޯދުމަށް، ކައުންސިލްތަކުން އިސްނަގައިގެން ކުރެވިދާނޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެ އެވެ. މީގެ އިތުރުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށްވެސް ވިދާޅުވި އެވެ.