ފާޑުކިޔުން އަމާޒުވެފައިވާ މީޑިއާ ބިލާއި ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ގަނޑުވަރު، މުލީއާގޭ ކައިރީގައި ނޫސްވެރިން އިހުތިޖާޖުކުރަން ފަށައިފި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. ދައުރުން ބޭއްވި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލު ބަލައިގަނެ، ކޮމިޓީއަށް ފޮނުވާފަ އެވެ.
މި ބިލާއި ދެކޮޅަށް ނޫސްވެރިން ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖުކުރުމަށްފަހު، ނޫސްވެރިން މިހާރު އިހުތިޖާޖު ކުރަމުން ދަނީ މުލިއާގޭ ކައިރީގަ އެވެ. ނޫސްވެރިން އަންނަނީ މި ބިލު އަނބުރާ ގެންނަން ގޮވާލައި ޝުއޫރުތައް ފާޅުކުރަމުންނެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާއި ބައްދަލުކޮށް، ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއެހުމަށް ވެސް ގޮވާލާފަ އެވެ.
އެ ސަރަހައްދުގައި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވަނީ ބިލު ގާނޫނަކަށްވެ، ތަސްދީގު ކުރަން ފެށުމާ އެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ. އެގޮތުން އުވެނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.
އަދި މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށާއި އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުން ކަމަށް ބުނެފައިވެ އެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު ނައިބު ރައީސް ހޮވާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ބިލުގައިވާ ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
މީގެއިތުރުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރާއި ނޫހަކުން ނުވަތަ މަޖައްލާއަކުން ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ އެކަމެއް އިސްލާހުކުރަންދެން ނުވަތަ މައްސަލަ ބަލާ ނިމެންދެން އެ ނޫހެއްގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލުކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.