Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ހދ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައިފި

ބޭންކް އޮފް މޯލްޑިވްސް އިން ހދ. ކުމުންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައި، "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި އެވެ.

އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު ކުމުންދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކުމުންދޫގެ އިތުރުން ބޭންކުން މިއަދު ހދ. ކުރިނބީގައި ވެސް އޭޓީއެމްގެ ޚިދުމަތް ވަނީ ގާއިމުކޮށްފަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ހދ. ކުމުންދޫގައި އޭޓީއެމް ޚިދުމަތް ފެށުމާއެކު، މިހާރު ރާއްޖޭގެ 9 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމް ޚިދުމަތް ގާއިމުކުރެވިފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ކޮންމެ އޭޓީއެމްއަކާއެކު، އަޅުގަނޑުމެން މިދަނީ މުޖުތަމައުތަކާ ވީހާވެސް ގާތުން ބޭންކިން ޚިދުމަތްތައް ދެމުން. އަޅުގަނޑުމެންގެ މަގްސަދަކީ ކޮންމެ ފަރުދަކަށްވެސް އަދި ކޮންމެ މުޖުތަމައަކަށްވެސް މާލީ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގުފަހިކޮށްދިނުން." ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 156 ސެލްފްސާވިސް ބޭންކިން ސެންޓަރު، 215 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.