Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

އަމިއްލަ ސްކޫލުތަކުގެ ފީ ދެއްކުމަކީ ދައުލަތުގެ ޒިންމާއެއް ނޫން

އަމިއްލަ ގޮތުން ޕްރައިވެޓް ސްކޫލުތަކަށްދާ ކުދިންގެ ފީ ދެއްކުމަކީ ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ އަމިއްލަ ސުކޫލްތަކުގައި މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ދެމުންދާ ފީ ކަނޑާލުމުން ބެލެނިވެރީންގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްފަ އެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަފީއު ވިދާޅުވީ ސަރުކާރުގެ ސްކޫލްތަކުގައި ކިޔެވުމުގެ ފުރުސަތު ހިލޭ ލިބިފައިވާއިރު، ސަރުކާރުގެ ސްކޫލަކަށް ވަންނަން ބޭނުން ނުވެ، އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަކަށްދާ ކުއްޖެއްގެ ފީ ދެއްކުމަކީ ދައުލަތުގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި ގްރޭޑް 11 އަދި 12 އަށް ވަކި ގޮތެއް ހެދުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި އެގޮތަށް އެކަން ކުރާނަމަ ގްރޭޑް 1ން ފެށިގެން 10އަށް ސަރުކާރުގެ ސްކޫލަކަށް ވަންނަން ނޭދި އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަށް ވައްދާ ކުއްޖާއަށް ވެސް ފީދައްކަން ވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

"ނަތީޖާއަކީ އަމިއްލަ ސްކޫލްތަކުގެ ބޭނުން ކެނޑުން. ސަރުކާރުގެ ސްކޫލަކަށް ވަންނަން އެދި، އެ ރަށެއްގައި ހުންނަ ސަރުކާރުގެ ސްކޫލަކުން ޖާގަ ނުދެވޭ ހާލަތުގައި މިނިސްޓްރީން ފީދައްކާނެ," ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ދުނިޔޭގެ ބައެއް މަދު ގައުމުތަކުގައި ދީނީ ގޮތުންނާއި ސަގާފީ ގޮތުން ހުންނަ ތަފާތުތަކަށް ރިއާޔަތްކޮށް ބައެއް ދަރިވަރުންނަށް އެހީދޭ ކަމަށާއި ނަމަވެސް ރާއްޖޭގައި އެފަދަ ހާލަތެއް ނެތް ކަމަށެވެ. އަދި ބައެއް ސްކޫލްތައް އިންޓަނޭޝަނަލް ލޭބަލްގައި ހިންގިޔަސް، ހަގީގަތަކީ ނިޒާމު ގާއިމުކޮށްފައިވާ ގޮތުން ސާނަވީ ފެންވަރުގެ އިމްތިހާނު ހަދާ ރާއްޖޭގެ ހުރިހާ ސްކޫލްތަކަކީ ވެސް އިންޓަނޭޝަނަލް ސްޓޭންޑާޑްގެ ސްކޫލްތަކެއް ކަމަށްވެސް ވިދާޅުވި އެވެ.