Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

'ޕަރީ' ގެ ޕޯސްޓަރު ޑިޒައިންކޮށްގެން 10،000ރ.

އަލީ ސީޒަން ޑައިރެކްޓްކޮށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓާ 1" ގެ ޕޯސްޓަރު ޑިޒައިން ޗެލެންޖެއް 10،000ރ. ގެ އިނާމާ އެކު ހުޅުވާލައިފި އެވެ.

ސީޒަންގެ އެސް ޕްރޮޑަކްޝަނުން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ ޕޯސްޓަރު ޑިޒައިން ކުރަން ހުޅުވައިލި ޗެލެންޖަށް ޕޯސްޓަރު ތައްޔާރު ކުރަން ޝައުގުވެރިވާ މީހުން އަންނަ އޮކްޓޯބަރު މަހުގެ 15 ގެ ކުރިން ފޯސްޓަރު "ޕަރީ" ގެ ފޭސްބުކާއި އިންސްޓަގްރާމް ޕޭޖް ޓެގްކޮށް ޕޯސްޓް ކުރަން ޖެހެ އެވެ.

ޕޯސްޓަރު ޑިޒައިން ކުރަން ޖެހެނީ ފިލްމުގައި އުޅޭ ތަރިންތަކެއްގެ ކެރެކްޓާތައް ހިމަނައިގެންނެވެ. ބައެއް ކެރެކްޓާތަކުގެ ފަސްޓްލުކް ވެސް މިހާރު ވެސް "ޕަރީ" ގެ ފޭސްބުކް/އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

މި ޕޯސްޓަރު ޑިޒައިން ޗެލެންޖަށް ހުށަހަޅާ ޕޯސްޓަރުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަސް ޕޯސްޓަރެއް ޝޯޓްލިސްޓްކުރުމަށް ފަހު، "ޕަރީ" ގެ ޕޭޖްތަކުގައި އަޕްލޯޑްކުރާނެ އެވެ. އަދި އެންމެ ފާހަގަކޮށްލެވޭ ޕޯސްޓަރެއް ހޮވާނީ ލިބޭ ލައިކްސްތަކެއް ބަލައިގެންނެވެ. އެގޮތުން އެ ފުރުސަތު ނޮވެމްބަރު މަހުގެ 15 އާ ހަމައަށް ހުޅުވާލާފައި އޮންނާނެ އެވެ.

ޕޯސްޓަރު ހޮވުން އޮންނާނީ ޑިސެމްބަރު 1 ގަ އެވެ.

"ޕަރީ" ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އެހެންވެ ވަރަށް އަވަހަށް ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާން ކުރާނެ އެވެ.

ސްރީ ލަންކާގައި ދިރިއުޅޭ އާއިލާއަކަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމުހެ ކާސްޓްގައި ސީޒަން، އައިޝަތު ރިޝްމީ، ޖުމައްޔިލް ނިމާލި، ޝީލާ ނަޖީބު ފަދަ ތަރިން ހިމެނެ އެވެ. "ޕަރީ" ގެ ޓައިޓްލް ރޯލުން ފެންނާނީ ލަމްޝާ ކިޔާ ކުޑަ އަންހެން ކުއްޖެކެވެ.