ސުވާލު: ޚިތާނުކުރުމުގެ މުނާސަބަތުގައި ޙަފްލާއެއް ބޭއްވުމަކީ ހުއްދަ ކަމެއް ހެއްޔެވެ؟ މިއީ މަޣްރިބްކަރައިގެ އާދަކާދައިގެ ތެރެއިން ހިމެނޭ ކަމެކެވެ. މިއީ ސުންނަތުގެ ތެރޭގައި ހިމެނޭ ކަމެއް ހެއްޔެވެ؟ ނުވަތަ ބިދުޢައެއް ހެއްޔެވެ؟
ޖަވާބު: ﷲ އަށް ޙަމްދު ހުއްޓެވެ.
ދަރިފުޅު ޚިތާނުކުރުމުގެ މުނާސަބަތުގައި، ﷲ ގެ ފަޟްލުވަންތަވެރިކަމާއި ﷲ ގެ ނިޢުމަތަށް އިޢުތިރާފުވެ، އުފާވެރިކަން ފާޅުކުރުމުގެ ގޮތުން ވަލީމާއެއް ބޭއްވުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ.
އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެ އެވެ.
“ޚިތާނުކުރުމުގެ އަދި ވަލީމާނޫން އެހެނިހެން ޙަފުލާތަކަށް ދަޢުވަތު ދިނުމަކީ މުސްތަޙައްބުވެގެންވާ ކަމެކެވެ. އެއީ އެކަމުގައި ކާންދިނުން ހިމެނިގެންވާކަމަށްޓަކައެވެ. އަދި އެ ދަޢުވަތަށް އިޖާބަ ދިނުމަކީ މުސްތަޙައްބު ކަމެކެވެ. ވާޖިބުކަމެއް ނޫނެވެ.” މިއީ މި މައްސަލާގައި މާލިކުގެފާނާއި ޝާފިޢީގެފާނާއި އަބޫޙަނީފާއާއި އަބޫޙަނީފާގެ ދަރިވަރުންގެ ބަސްފުޅެވެ.
ކޮންމެ ދަޢުވަތަކަށް އިޖާބަ ދިނުމަކީ މުސްތަޙައްބު ކަމެކެވެ. އެއީ ދަޢުވަތުދޭ މީހާގެ ހިތް ލެނބޭނެ ކަމެކެވެ. އަދި އޭނާގެ ހިތްހަމަޖެހޭނެ ކަމެކެވެ. ޚިތާނު ޙަފްލާއަކަށް އިމާމު އަޙްމަދަށް ދަޢުވަތު ދެވުނެވެ. އަދި އެކަލޭގެފާނު އެ ޙަފްލާއިން ފަރިއްކުޅުއްވި އެވެ.
ދަޢުވަތުދޭ މީހާ އަށް ބަލާއިރު ޚިތާނު ޙަފްލާއަށް މީހުންނަށް ދަޢުވަތު ދިނުމަކީ އޭނާއަށް ވަކި ޚާއްޞަ ކަންތައްތަކެއް ލިބޭނެ ކަމެއް ނޫނެވެ. އެއީ ޝަރުޢުގައި އެކަން އެގޮތަށް ލިބޭނެ ކަމަށް އައިސްފައި ނުވާތީ އެވެ. އެއީ ވަކީ ޚާއްޞަ މަޤްޞަދެއް ނެތި ދެވޭ ދަޢުވަތުގެ މަޤާމުގައި ހިމެނޭނޭ ކަމެކެވެ. ﷲ ތަޢާލާ އޭނާއަށް ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުކުޅައުން އަދައިގެން، އޭނާގެ އަޚުންނަށް ކާއެއްޗެއް ދިނުން ހިތުއަޅައިގެން އެކަން ކުޅަ ނަމަ، އޭނާއަށް އެކަމުގެ އަޖުރު އިން ޝާ ﷲ ލިބޭނެ އެވެ.” المغني لابن قدامة (7/ 286)
ލަޖުނާގެ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
“ޚިތާނުކުރުމުގެ އުފަލުގައި އުފާވެރިކަން ފާޅުކުރުމަކީ ޝަރުޢުގައިވާ ކަމެކެވެ. އެހެނީ ޚިތާނުކުރުމަކީ އެއީ ﷲ ތަޢާލާ ޝަރުޢުކުރައްވާފައިވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( قُلْ بِفَضْلِ اللهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ ) يونس 58- މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ގެ ފަޟްލުވަންތަ ކަމާއި، އެއިލާހުގެ ރަޙްމަތަށްޓަކައި ފަހެ، އެއުރެން އުފާކުރާހުށިކަމެވެ. އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ.”
ޚިތާނުކުރުމަކީވެސް ﷲ ގެ ފަޟްލުވަންތަކަމުގެ ތެރެއިން ވާހަކަމެވެ. އެކަމުގެ މުނާސަބަތުގައި ﷲ އަށް ޝުކުރުކުރުމުގެ ގޮތުން ކާއެއްޗިހި ހެދުމަކީ އެއީ މައްސަލައެއް އޮތްކަމެއް ނޫނެވެ.
ނޯޓް: މި ފަތުވާގައި ޚިތާނުކުރުމުގެ ޙަފްލާގައި ދީނާ ޚިލާފުކަންކަން ކުރާ ވާހަކައަށް އިޝާރާތް ކުރެވިފައިނުވުމުން އޭގެ މާނަ އަކީ އެފަދަ ދީނާ ޚިލާފު ކަންކަމަކީ އެއީ ހުއްދަ ކަންކަން ކަމުގައި ބެލުމެއް ނޫނެވެ. ފަތުވާގައި އެކަމަށް އިޝާރާތް ކުރެވިފައި ނުވަނީ ސުވާލު ކުރެވުނު ޙަފުލާ ބޭއްވުމުގެ ޙުކުމާ ބެހޭ ގޮތުން ކަމުގައިވާތީ އެވެ.
ޖަވާބު ދެއްވީ: ޝެއިޚް މުހައްމަދު ޝާފިޢު އެވެ.