ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެމަނިކުފާނަށް މަރުހަބާ ކިޔަން، އެ ރަށްރަށުގައި ތިއްބަވާ ފަނޑިޔާރުންނަށް ނިކުމެވޭނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގައި މަރުހަބާ ދެންނެވުމަށް ބައިވެރިވުމާއި މުއައްސަސާތަކުގެ ވެރިންނާއެކު ބާއްވާ ބައްދަލުވުމުގައި ކޯޓުގެ ފަނޑިޔާރުން އަދި މުވައްޒަފުން ބައިވެރިވުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
މި މަޝްވަރާތަކަށް ފަހު ކޮމިޝަނުން ނިންމީ ފަނޑިޔާރުންނާއި ކޯޓުގެ އެހެން މުވައްޒަފުންނަށް ރައީސަށް މަރުހަބާ ދަންނަވަން ނިކުމެވޭނެ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ދާއިރު ފަނޑިޔާރުން ސުލޫކު ހިފަހައްޓަންޖެހޭނެ ކަމަށްވެސް ނިންމުމުގައިވެ އެވެ.
ރައީސް މުއިއްޒު ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުފުޅުތައް ކުރައްވަމުންނެވެ.