ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި 'އުލުބައިދަންވީ' ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިތީ އޮތް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ގޮވާލާފައިވާތީ ޕީއެންސީން އޭނާއާ މެދު ފިޔަވަޅު އެޅުމަށް ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި މީޑިއާ ބިލަށް ވާހަކަދައްކަމުން ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް މީގެ ކުރިން ފަތުރާފައިވާ ކަމަށާއި އެފަދަ މީޑިއާތައް އުލުބައިންދަންޖެހޭ ކަމަށެވެ.
"މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން، އުލުބައިންދަންވަނީ. އުލުބައިންދަންވީ،" ފަލާހު ވިދާޅުވި އެވެ.
ފަލާހުގެ މި ވާހަކަތަކާ ގުޅިގެން އެމްޖޭއޭއިން މިރޭ ބުނީ އޭނާ ދެއްކި ވާހަކަތަކަކީ ނޫސްވެރިންނާއި މީޑިއާތަކަށް ބިރު ދައްކައި އިންޒާރުދީ އެމީހުންގެ މައްޗަށް އަނިޔާވެރިވުމަށް ހިތްވަރު ދީ ދެއްކި ވާހަކަތަކެއް ކަމަށް ދެކޭ ކަމަށާއި އެ ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ.
މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑުގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ފަލާހު ގޮވާލާފައިވާތީ، ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ. އަދި އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކާ މެދު އޭނާ މައާފަށް އެދުމަށް ވެސް ވަނީ ގޮވާލާފަ އެވެ.