Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

މީޑިއާ ބިލު ހިޔާލުފާޅުކުރުމުގެ ހައްގާ ހިލާފު: ދިޔާނާ

ދިޔާނާ ސައީދު - ފޮޓޯ: ވޮއިސް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލަކީ ހިޔާލުފާޅުކުރުމުގެ ހައްގާއި ހިލާފު ބިލެއް ކަމަށް، ކުރީގެ އެޓާނީ ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. ދައުރުން ބޭއްވި މަޖިލީހުގެ އިއްޔެ ޖަލްސާގައި ވަނީ މި ބިލު ބަލައިގަނެ، ކޮމިޓީއަށް ފޮނުވާފަ އެވެ.

މި ބިލާއި ދެކޮޅަށް ނޫސްވެރިން އިއްޔެ ރައީސް އޮފީހާއި މުލިއާގެ ކައިރީގައި އިހުތިޖާޖުކޮށްފައިވާއިރު، ދިޔާނާ ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މައުލޫމާތު ލިބިގަތުމާއި މައުލޫމާތު ހާމަކުރުމާއި އަދި މައުލޫމާތު ފެތުރުމުގެ ހައްގަކީ އަސާސީ ހައްގެއް ކަމަށާއި އަސާސީ ހައްގެއް ހިފެހެއްޓޭނެ މިންގަނޑުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"އެ މިނުން ބޭރުވާ ބިލެއް ކަމަށް އަޅުގަނޑު މިހާތަނަށް ބެލި ބެލުމުން ސާފުވަނީ،" ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ވަނީ އުއްމީދަކީ މިކަމުގައި ސަރުކާރުން ހައްލެއް ހޯދައިދެއްވުން ކަމަށާއި ހައްލެއް ނުލިބިއްޖެ ނަމަ ދެން ޓަކި ޖަހަން ޖެހޭނީ ކޯޓުތަކުގެ ދޮރުގައި ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވަނީ ބިލު ގާނޫނަކަށްވެ، ތަސްދީގު ކުރަން ފެށުމާ އެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ. އެގޮތުން އުވެނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.

އަދި މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށާއި އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުން ކަމަށް ބުނެފައިވެ އެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު ނައިބު ރައީސް ހޮވާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ބިލުގައިވާ ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.

މީގެއިތުރުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރާއި ނޫހަކުން ނުވަތަ މަޖައްލާއަކުން ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ އެކަމެއް އިސްލާހުކުރަންދެން ނުވަތަ މައްސަލަ ބަލާ ނިމެންދެން އެ ނޫހެއްގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލުކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.