ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލަން ހާއްސަކޮށްގެން ބަނދެފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ ބޯޓުތައް އެމްޓީސީސީއާ ގުޅިގެން އޮޕަރޭޓް ކުރަން މަޝްވަރާކޮށްފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީން އެކަމަށްޓަކައި ބޭއްވި މަޝްވަރާ ބުނީ ބައްދަލުވުމުގައި އެމްޓީސީސީން ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށްޓަކައި އެގްރޯނެޓް ބޯޓުތައް އެމްޓީސީސީ އުޅަނދުތަކުގެ ތެރޭގައި ހިމަނައިގެން ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރި ކަމަށެވެ.
އެހެންވެ މިހާތު މިކަމަށް ރައީސް އޮފީހުގެ އިސްފަރާތްތަކުގެ ނިންމުމެއް ބޭނުންވާ ކަމަށާއި މިނިސްޓްރީގެ އިރުޝާދާއެކު، އެ ނިންމުން ނިމުމުން އެކަން ކުރިއަށް ގެންދިއުމަށް އެކުންފުނިން ތައްޔާރަށް، ތިބި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެގްރިކަލްޗަ މިނިސްޓްރީން ބުނީ އެމްޓީސީސީން މިހާރު ވެސް ފެރީ ހިދުމަތްތަކުގެ ތެރެއިން ތާވަލުތަކެއް ހަދާފައިވާ ކަމަށާއި އެ ތަފްސީލުތައް ނިސްޓްރީން ހިއްސާކުރާނެ ކަމަށެވެ. އަދި އެ މިނިސްޓްރީން އެ ތާވަލުތައް މުރާޖައާކޮށް، ލޮޖިސްޓިކްސްގެ ޕްލޭނެއް އެކުލަވާލުމަ ށްފަހު އެ މައުލޫމާތު ދަނޑުވެރިންނަށް އަންގައިދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގްރޯނެޓްގެ އެގްރޯ ބޯޓުތައް ތައްޔާރުކޮށްފައި ވަނީ ދަނޑުވެރިކަމުގެ ބާވަތްތައް ރަށްރަށުގެ މެދުގައި އަވަހަށް އަދި ފަސޭހަކަމާ އެކު ގެންދިއުމަށް މަގުފަހިވާ ގޮތަށެވެ. އެކަމަށް ހާއްސަ ދެ ބޯޓަކީ 65 ފޫޓުގެ ދެ ފައިބާގްލާސް އުޅަނދެވެ. ޒަމާނީ އަދި ސްޓްރީމްލައިން ޑިޒައިނެއް ހިމެނޭ އެ ބޯޓުތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ މުދަލުގެ ތާޒާކަން ދެމެހެއްޓުމަށް ފަރުމާކޮށްފައިވާ ކާގޯ ކޮމްޕާޓްމަންޓްތައް ވެސް ހިމެނެއެވެ.
އެގްރޯނެޓުން ބުނި ގޮތުގައި ކާގޯ ކޮމްޕާޓްމަންޓްތަކުގެ ބޮޑުމިނަކީ 16 ފޫޓެވެ. އެ އެއްޗެހީގައި އެއާކޮންޑިޝަނާއި ޓެމްޕަރޭޗާ ރެގިއުލޭޝަން ވެސް ހިމެނޭ ކަމަށާއި އެ ބޯޓުތަކުގައި ފަޅުވެރީންނަށް ވަކިވަކި ކެބިންތައް ވެސް ހުންނާނެ އެވެ.
މި ބޯޓްތަކުގެ ޑެކްގައި ސޯލާ ޕެނަލް ހަރުކޮށްފައިވާ އިރު، އެ ބޯޓުތަކުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ފިނިކޮށް ބެހެއްޓުމަށް ސޯލާ ހަކަތަ ބޭނުންކުރާ އިރު، ކަރަންޓު ބޭނުންކުރާ މިންވަރު މަދުކޮށްދެއެވެ. މިއީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޔޫއެންޑީޕީގެ ފަންނީ އެހީތެރިކަމާ އެކު ފެށި މަޝްރޫއެކެެވެ.