Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މަގަށް ބަދަލު ގެނަޔަސް ރަސްމީ ފާލަމަށް ބަދަލެއް ނާންނާނެ

މާލޭގެ މޫނުމަތިން އެމްއެމްއޭ ހުންނަ ސަރަހައްދުގެ ބޮޑު ތަކުރުފާނު މަގުން ސަރަހައްދެއް ފުޅާ ކުރަން ފަށާފައިވާ މަސައްކަތުގެ ސަބަބުން އެ ސަރަހައްދުގައި ހުރި އިއްޒުއްދީން ފާލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ވަރަށް ބޮޑަށް ހަލާކުވެފައި ވަނިކޮށް އިއްޒުއްދީން ފާލަން (ރަސްމީ ފާލަން) އަލުން މަރާމާތުކޮށް ހުޅުވީ މީގެ އަށެއްކަ މަސް ކުރިންނެވެ.

ނަމަވެސް މިހާރު އެ ސަރަހައްދުގެ މަގަށް ގެންނަން އުޅޭ ބަދަލާ އެކީ އިއްޒުއްދީން ފާލަން މަރާމާތު ކުރަން ކުރި ހޭދަ ބޭކާރުވެދާނެ ކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ފާޅުކުރި ކަންބޮޑުވުމަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ބޭރު މަގަށް ގެންނަން އުޅޭ ބަދަލާ ގުޅޭ ޑިޒައިން ރަނގަޅަށް ބަލައިފި ނަމަ، އިއްޒުއްދީން ފާލަމަށް އެއްވެސް ބަދަލެއް ނާންނަކަން އެނގޭނެ ކަމަށެވެ. އަދި މަގު ފުޅާކުރުމުގެ ސަބަބުން އެ ފާލަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން އިއްޒުންދީން ފާލަން އަލުން މަރާމާތުކޮށް ހުޅުވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 27 ގަ އެވެ.

އެ ފާލަން ހިމެނޭ ސަރަހައްދުގެ މަގު ފުޅާ ކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހަދާނެ އެވެ. އަދި މަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅާނެ އެވެ. އެއީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ.

އެއްއަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ.