Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

މީޑިއާ ބިލާ ނަޝީދު ވެސް ދެކޮޅު

މީޑިއާތައް ކޮންޓްރޯލްކުރާ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވަން އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ދައުރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ބިލް ބަލައިގަނެ، ކޮމިޓީ އަށް އޮތީ ފޮނުވައިފަ އެވެ. ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު މުހައްމަދެވެ.

މި ބިލާ މެދު ނޫސްވެރިންނާއި ނޫސްވެރިން މީޑިއާތަކާ ގުޅުން ހުރި ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، ނަޝީދު ސޯޝަލް މިޑިއާ ޕޯސްޓެއްގައި ވަނީ އެ ބިލާ އެ މަނިކުފާނު ދެކޮޅުކަން ހާމަކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވީ އެ މަނިކުފާނަކީ ވެސް ލިޔުންތެރިއެއްގެ ގޮތުންނާއި ފާޅުކުރެއްވި ހިޔާލުތަކަކާ ގުޅިގެން ޖަލު ބަންދުގައި ދުވަސްތައް ހޭދަކުރަން ޖެހިވަޑައިގަތް ބޭފުޅެއް ކަމަށެވެ.

"ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ސަރުކާރަކުން ހުރަސް އަޅާ ނަމަ އެކަމުގެ ސަބަބުން ގައުމޔގެ މިނިވަންކަމާއި ތަނަސްވަސްކަމަށް ހީނަރުކަން އަންނާނެ." ނަޝީދު ވިދާޅުވި އެވެ.

އެ ބިލުގައި ބުނެފައި ވަނީ ބިލު ފާސްވެ، ތަސްދީގުކޮށް ގާނޫނަކަށްވުމާ އެކު މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ. އެގޮތުން އުވެނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.

އަދި މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގައި ތިބޭނީ 7 މެންބަރުން ކަމަށާއި އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުން ކަމަށް ބުނެފައިވެ އެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު ނައިބު ރައީސް ހޮވާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ބިލުގައިވާ ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.

މީގެ އިތުރުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވެއްޖެ ނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5،000- 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރާއި ނޫހަކުން ނުވަތަ މަޖައްލާއަކުން ގާނޫނާއި ގަވާއިދާ ހިލާފުވާ ނަމަ އެކަމެއް އިސްލާހު ކުރަންދެން ނުވަތަ މައްސަލަ ބަލާ ނިމެންދެން އެ ނޫހެއްގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލުކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.