ބަތަލާ މަޔޫރީ ކަންގޯގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ މިހާރު ފިލްމުތަކުން ނުފެންނާތީ އަދި މާ މަޝްހޫރު ބަތަލާއަކަށް ވެސް ނުވާތީ ފަހަރުގައ ގިނަ ބަޔަކަށް އޭނަ ނޭނގި ދާނެ އެވެ. އެކަމަކު މިއީ އާންމުންގެ ވަރަށް ބޮޑު މަގޫބުލު ކަމެއް ހޯދި 1996 ގެ ފިލްމު "ޕާޕާ ކެހެތޭ ހޭ" ގެ ބަތަލާ އެވެ.
ޖުގާލް ހަންސްރާޖް ބަތަލުގެ ރޯލު ކުޅުނު އަދި އަނޫޕަމް ކޭރު ވެސް މުހިއްމު ރޯލެއް ކުޅުނު އެ ފިލްމަކީ ވަރަށް ބޮޑަށް މަޝްހޫރުވި ލަަވައެއް ކަމަށްވާ "ގަރްސޭ ނިކަލްތޭ ހީ" ވެސް ހިމެނޭ ފިލްމެވެ.
އެކަމަކު މިހާރު ދައްކަން އޮތީ މަޔޫރީގެ ފިލްމީ ވާހަކައެއް ނޫނެވެ. ކުރު ފިލްމީ ކެރިއަރަކުން ނިންމައިލި 43 އަހަރުގެ މަޔޫރީ އަކީ މިހާރު ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނަ އަކީ މިހާރު ޕަބްލިސިސް ގްލޯބަލް ޑެލިވަރީ (ޕީޖީޑީ) ކިޔާ އިންޓޭނަޝަނަލް ކުންފުންޏެއްގެ އިންޑިއާގެ ޑެލިވަރީ ސެންޓަރުގެ ސީއީއޯ އެވެ.
މި ވާހަކަ މަޔޫރީ ލިންކްޑިންގައި ވެސް ހިއްސާކޮށްފައިވެ އެވެ.
އޭނަ ބުނީ އިންޓަނޭޝަނަލް އެގްޒެކެޓިވް ލީޑަޝިޕް ޓީމަކާ އެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އާ ރޯލަކީ މީޑިއާ އާއި ޓެކްނޮލޮޖީގެ އިތުރުން ކުރިއަރަމުން އަންނަ ޑިޖިޓަލް ދާއިރާ އިން އީޖާދީ ހައްލުތަކެއް ގެނެސްދެވޭނެ ފަދަ ރޯލެއް ކަމަށެވެ.
"މި ލިބުނު ފުރުސަތަށްޓަކައި ޝުކުރުވެރިވަން. އަދި ކުރިއޮތް މިއޮތް ދަތުރާ މެދު ކުރެވޭ އުންމީދުތައް ބޮޑު." 2003 ގައި ކައިވެނިކޮށްފައިވާ މަޔޫރީ ބުންޏެވެ.
ޕީޖީޑީގެ އިންޑިއާގެ ގޮފީގެ ސީއީއޯގެ މަގާމާ އޭނަ ހަވާލުވި އިރު، ކުރިން ޕާފޯމިކްސް ކިޔާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމު ވެސް މަޔޫރީ އަދާކޮށްފައިވެ އެވެ.
ސްކްރީން ދޫކޮށްލައި ވިޔަފާރީގެ ތެރެއަށް މަޔޫރީ ނުކުތް އިރު، އޭނަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ބޭތާތީ"، "ހޯގީ ޕިޔާރު ކީ ޖީތު"، "ބާދަލް" އަދި "ވަމްސީ" ހިމެނެ އެވެ. މަޔޫރީ އެންމެ ފަހުން ފެނިފައިވާ ފިލްމަކޫ 2001 ގެ "ޖީތޭގޭ ހަމް" އިންނެވެ.
ފިލްމުތަކުގެ އިތުރުން އޭނަ ޓީވީ ސިލްސިލާތަކެއް ވެސް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ކުސުމް"، "ކިޓީ ޕާޓީ"، "ރަންގޯލީ" އަދި "ކަހީ ކިސީ ރޯޒް" ހިމެނެ އެވެ.