ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލު އަނބުރާ ގެންދަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. ދައުރުން ބޭއްވި މަޖިލީހުގެ އިއްޔެ ޖަލްސާގައި ވަނީ މި ބިލު ބަލައިގަނެ، ކޮމިޓީއަށް ފޮނުވާފަ އެވެ.
މި ބިލާއި ދެކޮޅަށް ނޫސްވެރިން އިއްޔެ ރައީސް އޮފީހާއި މުލިއާގެ ކައިރީގައި އިހުތިޖާޖުކޮށްފައިވާއިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ބިލުގައި ހުރި މާއްދާތައް ދިރާސާކުރިއިރު، ބިލު އަނބުރާ ގެންދަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"މިހާތަނަށް ބިލުގައި ހުރި މާއްދާތައް ދިރާސާކުރިއިރުގައި އަދި މިހާތަނަށް މި މަސައްކަތާ ގުޅޭ ގޮތުން މީގެ ކުރިން ބަންޑާރަނައިބުގެ އޮފީހުގައި ކުރެވިފައި ހުރި މަސައްކަތްތަކާއި އެކިއެކި ފަރާތްތަކުން ހުށަހަޅާފައި ހުރި ހުށަހެޅުންތަކަށް ބަލާއިރުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑުގެ އޮޕީނިއަންއަކީ މިހާރު ހުށަހަޅާފައި އޮތް ބިލު އިތުރަށް ދިރާސާކުރުމަށް ފަހު ރަނގަޅުކޮށްގެން ކުރިއަށް ދެވިދާނެ ކަމަށް،" އުޝާމް ވިދާޅުވި އެވެ.
"އަޅުގަނޑެއް ގަބޫލެއް ނުކުރަން ބިލު އަނބުރާ ނަގަންޖެހޭނެ ކަމަކަށް،"
އުޝާމް ވަނީ ބަންޑާރަނައިބުގެ އޮފީހަށް 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މީޑިއާ ކައުންސިލުން ފޮނުވާފައި އޮތް ބިލެއްގެ ޑްރާފްޓެއް އެބައޮތް ކަމަށާއި އެ ބިލާއި މިހާރު ހުށަހަޅާފައި އޮތް ބިލާ މާ ބޮޑު ތަފާތެއް ނެތް ކަމަށް ވެސް ވިދާޅުވެފަ އެވެ.
މީޑިއާ ބިލުގައި ނޫސްވެރީންގެ ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން މިއަދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވެސް ހިއްސާކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ މިއީ މީޑިއާ ޕްރޯ ސަރުކާރެއް ކަމަށާއި ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.