Last Updated: July 8, 21:12
Thursday, July 9, 2026
ޚަބަރު

ނޫސްވެރިން އުލުބައިންދަން ގޮވާލި މައްސަލަ ފުލުހަށް

ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު

ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި 'އުލުބައިދަންވީ' ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ގޮވާލާފައިވާތީ އެ މައްސަލަ ތަހުގީގުކުރަން ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ފުލުހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި މީޑިއާ ބިލަށް ވާހަކަދައްކަމުން ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް މީގެ ކުރިން ފަތުރާފައިވާ ކަމަށާއި އެފަދަ މީޑިއާތައް އުލުބައިންދަންޖެހޭ ކަމަށެވެ.

"މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން، އުލުބައިންދަންވަނީ. އުލުބައިންދަންވީ،" ފަލާހު ވިދާޅުވި އެވެ.

އެމްޖޭއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިސްލާމް ދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާވެރިނުވުން ހިމެނޭއިރު ފަލާހް ދެއްކެވި ވާހަކަފުޅަކީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ވާހަކަފުޅެއް ކަމަށެވެ.

"އަދި، އެ ވާހަކަފުޅުތަކަކީ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނަށް އަނިޔާވެރިވުމާއި އެ މީހުންނަށް ޖިސްމާނީ ގެއްލުންދީ، ބިރުދައްކައި ހެދުމަށް ހިތްވަރުދީ އޭނާ ދެއްކެވި ވާހަކަފުޅުތަކެކެވެ،" ބަޔާނުގައިވެ އެވެ.

ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތައް އެކަމުގެ ސަބަބުން ނުހަނު ބިރުވެރިކަމުގެ ތެރެއަށް ވެއްޓޭ ކަމަށާއި އެއީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ވާހަކަތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްޖޭއޭއިން ވަނީ އެ މައްސަލަ ބަލައި ތަހުގީގުކޮށް ފަލާހުގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދިފަ އެވެ.