ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގާއިމު ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފާޑުކިޔައި ކުރި ޕޯސްޓަކާ ގުޅިގެން ސަރުކާރު ކުންފުންޏެއްގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލައަކާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްގެން ޒުވާނަކު ވަޒީފާއިން ވަކިކުރުމަކީ މި ސަރުކާރުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި ދޮގު ތުހުމަތުތަކެއް އުފައްދައި އޭގެ މައްޗަށް ޒުވާނެއްގެ ވަޒީފާ ގެއްލުވާލުމަކީ ސަރުކާރުގެ އަނިޔާވެރިކަން ހައްދުން ނެއްޓިފައިވާކަން ހާމަވާ ކަމެއް ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
"ވަޒީފާގެ ބިރުވެރިކަން އިއާދަކޮށް ހުދުމުހުތާރު ވެރިކަމެއް ގާއިމެއް ނުކުރެވޭނެ. ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ،" ފައްޔާޒު ވިދާޅުވި އެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، ނޫސްވެރިންތަކެއް އުލުބައިންދައި މަރަން ޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނަ އަށް ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތަކެއް ދިން ސްޕޯޓްސް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުރި އިބްރާހީމް ސައީދު (ކޭޑް) ވެސް ވަޒީފާ އިން ވަނީ ވަކިކޮށްފި އެވެ.