އެމެރިކާގެ މަޝްހޫރު ރޮކް ބޭންޑް، 'ލިންކިން ޕާކް' އިން އިންޑިއާގައި ޝޯއެއް ދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ޝޯ އަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ ގައުމުގައި ބާއްވަން ތައްޔާރުވަމުން މިއުޒިކް ފެސްޓިވަލެއް ކަމަށްވާ 'ލޮލަޕަލޫޒާ އިންޑިއާ' ގެ ތެރެއިން ދޭން ހަމަޖެހިފައިވާ ޝޯއެކެވެ.
'ލިންކިން ޕާކް' އިން މުޅިން އަލަށް އިންޑިއާގައި ޕަފޯމްކުރާ ގޮތަށް މި ހަމަޖެހުނީ ބޭންޑުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ފެށި "ފްރޮމް ޒީރޯ ވޯލްޑް ޓުއާ" ގެ ދަށުންނެވެ. މި ޓުއާ އަންނަ އަހަރުގެ ޖޫން 30 ހަމައަށް ކުރިއަށް ގެންދަން އޮތީ ނިންމައިފި އެވެ.
އެގޮތުން ޓުއާގެ ތެރެއިން ބާއްވާ ފަހު ޝޯ ތާވަލުކޮށްފައި އޮތީ ސްވިޓްޒާލޭންޑް ޒިއުރިކްގަ އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުން 40 އަށް ވުރެ ގިނަ ފަންނާނުން ބައިވެރިވާ ގޮތަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 24 އާއި 25 ގައި "ލޮލަޕަލޫޒާ އިންޑިއާ" ގެ ހަތަރު ވަނަ އެޑިޝަންގައި، 'ލިންކިން ޕާކް' އިންޑިއާގައި ޕަފޯމްކުރާނީ ޖެނުއަރީ މަހުގެ 25 ގަ އެވެ. މި ޝޯގެ ޓިކެޓް މިއަދު ވަނީ ވިއްކަން ފަށައިފަ އެވެ. އަދި ބުކްމައިޝޯ އާއި "ލޮލަޕަލޫޒާ އިންޑިއާ" ގެ ވެބްސައިޓުން ބުކް ވެސް ކުރެވޭނެ އެވެ.
އިންޑިއާގެ ޝޯއާ ބެހޭ ގޮތުން 'ލިންކިން ޕާކް' ގެ ބޭންޑްގެ މެންބަރު އަދި ކޯ-ފައުންޑަރުންގެ ތެރޭގައި ހިމެނޭ މައިކް ޝިނޯޑާ ބުނީ އިންޑިއާގައި ޝޯއެއް ދިނުމަކީ ބޭންޑުން ކުރަމުން އައި ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
"ވަރަށް އުފާކުރަން އިންޑިއާގައި ތިބި އަހަރެމެންގެ ފޭނުންނަށްޓަކައި ލައިވްޝޯއެއް ދެވޭނެ ގޮތް ހަމަޖެހިގެން ދިޔައިމަ. މިއީ ވަރަށް ޒަމާންވީ އުންމީދެއް،" އެނަ ބުންޏެވެ. "އަދި މިއީ ވަރަށް ހާއްސަ، ވަރަށް ތާރީހީ ޝޯއަކަށް ވެސް ވާނެ."
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ މިއުޒިކް ބޭންޑްތަކުގެ ތެރޭގައި ހިމެނޭ 'ލިންކިން ޕާކް' އަކީ 1996 ގައި ވުޖޫދަށް އައި ބޭންޑެކެވެ. ބޭންޑްގައި ތިބެނީ 6 މެންބަރުންނެވެ. އެއީ ޝިނޯޑާ އާއި ބްރޭޑް ޑެލްސަން އާއި ޖޯ ހާން އާއި ޑޭވް ފެރެލް އާއި އެމިލީ އާމްސްޓްރޯންގުގެ އިތުރުން ކޮލިން ޓްރިޓަން އެވެ.
'ލިންކިން ޕާކް' އިން މިހާތަނަށް 8 އަލްބަމް ނެރެފައިވެ އެވެ. އެންމެ ފަހުގެ އަލްބަމަކީ ބޭންޑްގެ މަސައްކަތްތަކަށް 7 އަހަރުގެ މެދުކެނޑުމެއް އައުމަށް ފަހު މިދިޔަ އަހަރުގެ ނޮވެމްބަރުގައި ނެރުނު "ފްރޮމް ޒީރޯ" އެވެ. ބޭންޑްގެ އާ ޓުއާ އަކީ މި އަލްބަމްގެ ޕްރޮމޯޝަނަށް އަލްބަމްގެ ނަމާ ވެސް ގުޅުވައިގެން ކުރިއަށް ގެންދާ ޓުއާއެކެވެ.